ރައީސް ޔާމިންގެ ޝަރީއަތް ލައިވްކުރުމަކީ ސަރުކާރުން ވަރަށް މޭކަރާކަމެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ލައިވްކުރުމަށް ކޯޓުން ނިންމުމަށްފަހު، އެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވްކުރަމުން ގެންދިޔަ ނަމަވެސް އެއްވެސް މީޑިއާއަކުން އެ ޝަރީއަތް ނުދެއްކުމަށް އެ ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް އެންގެވުމާއި ގުޅިގެނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުމަށް ނިންމީ ގޮތް ހުސްވެގެންކަމަށާއި ނަމަވެސް އެއީ ސަރުކާރުން ވަރަށް "މޭކަރާ" ކަމެއްކަމަށެވެ.

"ރައީސް ޔަމީންގެ ޝަރީއަތް ލައިވްކުރުމަކީ ސަރުކާރުން ވަރަށް މޭކަރާ ކަމެއް. މިފަހަރު ލައިވް ކުރީ ގޮތް ހުސްވެގެން. ޓީވީތަކުން ލައިވް ކުރާތީ ސަރުކާރުން ކަންބޮޑުވާތީ ލައިވް ހުއްޓާލަން މަޖުބޫރު ކުރުވީ! ހައްޤަށް ނަސްރު ލިބޭނެ، އިންޝާﷲ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓީވީތަކުން ޝަރީއަތް ލައިވްކުރުން ހުއްޓާލުމަށް އެންގި އެންގުމަށް އިޝާރަތްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ޓީވީތަކުން ޝަރީއަތް ލައިވްކުރަން ހުއްޓާލަން މަޖުބޫރުކުރުވީ ސަރުކާރުން ކަންބޮޑުވާތީކަމަށެވެ. ނަމަވެސް ހައްގަށް ނަސްރު ލިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ޓީވީތަކުން ލައިވް ނުކުރުމަށް ކޯޓުން އެންގެވިއިރު، މީގެކުރިން ކްރިމިނަލް ކޯޓާއި، ހައިކޯޓާއި، ސުޕްރިމް ކޯޓުގައި ބޭއްވި އެމަނިކުފާނުގެ ޝަރީއަތްވެސް ވަނީ ދައުލަތުގެ މީޑިއާއާއި އެހެން ޓީވީތަކުން ލައިވްކޮށް ގެނެސްދީފައެވެ. ނަމަވެސް މިފަހަރު އެކަން ނުކުރަން އެންގީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު