"އިންޑިއާ އައުޓް" ހުއްޓުވުމަށް ޤާނޫނުތައް އިޞްލާހުކުރަންޖެހޭނަމަ އެކަން ކުރަން ލަފާދިނުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީން މިގޮތަށް ލަފާދެއްވާފައި ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު 241 ކޮމިޓީއަށް ހުށަހެޅި މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓްގައެވެ.

ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި ވަނީ ކޮމިޓީއަށް ފާހަގަވި މައިގަނޑު 24 ކަމެއް ހިމަނާފައެވެ.

އޭގެތެރޭގައި އިންޑިއާ އައުޓްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޭނުންކުރެވޭ ތަފާތު އިބާރާތްތަކުގެ ސަބަބުން އެކި އިންޒާރުދީ އަނިއާވެރިކަމަށް ގޮވާލެވޭ ގޮތަށް ކަންކަން ވަމުންދާކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ޙަރަކާތުގެ ސަބަބުން ބޭސްފަރުވާއާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރައްވާފައިވާކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.

ކޮމިޓީގައި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މިޙަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރަމުންދާކަމަށާ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށްބޮޑަށް އެކަށީގެންވާކަމެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އަދި މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތްއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިންކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ކޮމިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ހިނގާ ޙަރަކާތް ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ގާނޫނުތައް އިޞްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލަފާދިނުމަށްވެސް 241 ކޮމިޓީން ނިންމާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު