ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް ލިބިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދުރުވިސްނުންފުޅާއި އަދި ހަރުދަނާ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަންނާތީކަމަށް، އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނޢޢވ) ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް ޝާހިދަށް ލިބިވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސް ސާލިހު މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓަށް އިޝާރަތްކުރައްވައެވެ.

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް، "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ‎ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައެވެ.

ރައީސް ސޯލިހު ވަނީ ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނޢޢވ) އަށް އެރުވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ޓްވީޓާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިއްޒަތް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ރައީސް ސާލިހުގެ ދުރުވިސްނޭ އަދި ހަރުދަނާ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަންނާތީކަމަށެވެ. އަދި އެމަނިކުފާނަށް ކެނޑިނޭޅި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި ޔަޤީންކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށް ޝާހިދު ވިދާޅުވިއެވެ.



މިނިސްޓަރ ޝާހިދަށް އަރުވާފައިވާ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓްއަކީ 1931 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. މިނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ އެ ޤައުމު އުފެދުމުގެ ބާނީންކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ.

މި ޢިއްޒަތް އެޤައުމުން އަރުވަނީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ. ‎ޑޮމިނިކަން ރިޕްބްލިކުން މިނިސްޓަރ ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ "އދ ގެ އުންމީދޔުގެ ރިޔާސަތު" ގެ ތެރެއިން، ކޮވިޑް ޙާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ،ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. ‎



ކިޔުންތެރިންގެ ހިޔާލު