މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ބައެއް އޮފީސްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އަމީން ދީދީ އަވަހާރަވި މައްސަލައިގެ ތަހުގީގު ކުރިޔަށް އެބަ ދާކަމަށް ބުނެ ލިޔެފައިވާ ހަބަރަކާއި ގުޅިގެން، ތޯރިގު މިއަދު ވަނީ، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އަމީން ދީދީގެ މައްސަލަ ބަލާ، އޮމްޑަސްޕާސަންގެ އޮފީސް އުވާލެއްވުމަށް ރައީސް ޞާލިޙަށް ގޮވާލައްވާ ފައެވެ. އަދި، ގައުމުގެ އިގުތިސާދީ ހާލަތު ގަބޫލު ކުރައްވާ، ދައުލަތް ހިންގުމުގެ އޮނިގަޑުގައި މިހާރު އޮތް 19 މިނިސްޓްރީ، 13 ވަރަކަށް މިނިސްޓްރީއަށް މަދު ކުރެއްވުމަށް ވެސް ތޯރިގު ވަނީ ގޮވާލައްވާފައެވެ.

"ދައުލަތް ހިންގުމުގެ އޮނިގަނޑު 19 މިނިސްޓްރީން 13 ވަރަކަށް މިނިސްޓްރީއަށް ކުޑަކުރައްވާ. ގައުމުގެ އިގްތިސާދީ ހާލަތު ގަބޫލު ކުރައްވާށެވެ. ދައުލަތް މިއޮތީ ލައިގެން ކާނެ އެއްޗެއްނެތް ހާލަތުގަ." ތޯރިގު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް ދަރަނި ނުދެއްކޭ ހިސާބަށް ހިނގައިދާނެކަމުގެ އިންޒާރު މާލީ ބައެއް އިދާރާތަކުން ވަނީ ދީފައެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގު ކުރެއެވެ. ސަރުކާރުން ބުނަމުންދަނީ، ދަރަނި ނުދެއްކި ދައުލަތް ބަނގުރޫޓުވާ ހިސާބަށް ނުދާނެކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ހަރަދު ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ރައީސް ޞާލިޙް އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު