ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމާ ގުޅޭ ހިޔާނާތުގެ މައްސަލާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.

މި މައްސަލައިގާ ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ދައުލަތުން، ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ އުފުލާފައެވެ. އެންމެ ފަހުން މި މައްސަލައިގާ ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގާ ހިމެނޭ ތިން ފޯނުގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައެވެ. އަދި އެއަށްފަހު މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކުރިޔަށް ދިޔައީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްކުރާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނެގުމެވެ. އޭނާއަކީ ޒިޔަތުގެ ލެޕްޓޮޕެއްގެ ފޮރިންސިކް ރިޕޯޓް ތައްޔާރުކުރި މީހާއެވެ. އެ ރިޕޯޓްގައި ވަނީ ޒިޔަތުގެ ވައިބާ ނަންބަރުން އެހެން ތިން މީހަކާ ކޮށްފައިވާ މުއާމަލާތްތައް ހިމަނާފައެވެ.

މިއަދުގެ މަޖިލީހުގައި އެ މުއާމަލާތްތަކުގެ ތަފްސީލަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް، އެ މެސެޖުތަކުގެ ތެރޭގައި ހިމެނެނީ، ޔޫސުފް ނައީމްގެ އިތުރުން ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު އަދި އިތުރު އަންހެނަކާ ކޮށްފައިވާ މެސެޖުތަކެއް ކަން ވަނީ ހާމަވެފައެވެ. ދައުލަތުން ހުށަހެޅި މި ހެއްކަށް، ދިފާއުން، ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވަނީ ހެކިވެރިޔާއަށް ޓެކްނިކަލް ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ.

މިއަދު މެންދުރު 12 ޖަހަން ކައިރިވެފައި ވަނިކޮށް ފެށި އެ އަޑުއެހުން އެއް ގަޑިއިރުގެ ހުސްވަގުތުކޮޅަކަށް ފަހު އަލުން ފަށައި ނިންމާލާފައިވަނީ ހަތަރެއް ޖެހި ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު