ރާއްޖޭގައި ކޮވިޑް ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރު ޑރ.މުހައްމަދު އަލީ މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އެޑިމިޓް ކުރަން އަންނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އޭގެ މާނައަކީ ކޮވިޑް ކޭސްތައް މުޖުތަމައު ތެރޭގައި ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ކަމުގައި ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.





ޑރ. މުހައްމަދު އަލީ ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުން މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި މިދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރަތް ކުރުން މަދުކޮށްލުމަށް ޑރ. މުހައްމަދު އަލީ ވަނީ އެދިވަޑައިގެންފައެވެ.އޭނާ ވިދާޅުވީ މިއީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ.

ކޮވިޑް ފެތުރޭ ނިސްބަތް އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ މީހުން މާސްކު އެޅުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 142 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ 69 ޕަސެންޓް އިތުރު އަދަދެއް ކަން ފާހަގަކުރެވެއެވެ. އެހެންވެ، ސާމްޕަލް ޕޮޒިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު