އަމިއްލަ އާމްދަނީން ސްޓެލްކޯ އިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު ސަބްސިޑައިޒް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ވިދާޅުވީ ސަރުކާރުން އެކުންފުންޏަށް ސަބްސިޑީޒް ދޭނެ ކަމަށް ބަރޯސާވެގެން ތިބޭ ތިބުން ހުއްޓާލުމަށް ނިއްމާފައިވާ ކަމަށެެވެ. އަދި އެކުންފުނިން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކުރާނީ އަމިއްލަ ބާރުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.



"އަމިއްލަ އާމްދަނީ ހޯދަައިގެން އެ އަގު ސަބްސިޑައިޒް ކުރާނަން އިރާދަކުރެއްވިއްޔާ، ކުރިމަގުގައި ސްޓެލްކޯގެ ވިޔަފާރި އެހެން ދިމާލަކަށް މިސްރާބު ޖަހައި އެހެން ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން އަޅުގަނޑުމެން ދޭ ޚިދުމަތްތަށް ސަބްސިޑައިޒް ކުރެވޭނެ ގޮތްތަށް އިރާދަކުރެއްވިއްޔާ، ހޯދާނަން،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ސްޓެލްކޯއަށް ހޯދަން މަޖުބޫރު ވެެއްޖެ ކަމަށާއި އެކުންފުނީގެ މިސްރާބު ބަދަލު ކުރަންޖެހޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރިހާ ސަރަހައްދެެއްގައި ވެސް ކަރަންޓު އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންނުކުރާ ކަރަންޓަކަށް ބިލްކޮށްފައިނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކުންފުންޏަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ގޮތަކީ ކަރަންޓް ބިލް ބޮޑުވަނީ ކޮން ގޮތަކަށް ކަރަންޓް ބޭނުންކޮށްގެންތޯ ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެ ގޮތަކަށް އޮޅުންފިލުވައިދީގެން ކަމަށެވެ.

"އެއީ ވަރަށް ބޮޑު ގޮންޖެހުމެއް، އިރާދަކުރެއްވިޔާ ކުރިމަގުގައި އެ ޗެލެންޖް އަޅުގަނޑުމެން ނަގާނަން ރައްޔިތުންގެ އިތުބާރު ހޯދާނަން ރައްޔިތުންނަށް ޔަގީން ކޮށްދޭނަން ސްޓެލްކޯ އިން ބިލްކުރަނީ ރައްޔިތުން ބޭނުންކުރާ ކަރަންޓަށް ކަން ބޭނުންކުރާ ޚިދުމަތަކަށް ކަން." ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކުރިމަގުގައި ކަރަންޓް އިގްތިސާދު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މުވައްޒަފުން ހޭލުންތެރިކުރާނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް މުވައްޒަފުން ޕްރޮގުރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު