ޔުކްރެއިން ހަނގުރާމަ އެތައް އަހަރަކަށް ދިގުލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ނޭޓޯއިން ދީފިއެވެ.

ނޭޓޯއިން މިފަދަ އިންޒާރެއް ދީފައިވާއިރު، ޔުކްރެއިނުންވެސް ވަނީ ރަޝިޔާއިން ދެމުންދާ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތް ނުހުއްޓާނެކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން ނޭޓޯއިން ވަނީ ޔުކްރެއިނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމާއި، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ޔުކްރެއިނަށް ގިނަ ދުވަސްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެ ތިބުމަށް ހުޅަނގުގެ ގަޢުމުތަކަށް ގޮވާލާފައެވެ.

"މިހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް ތައްޔާރުވާން އަހަރުމެން އެބަޖެހޭ. އަދި ކިތަންމެ ހަރަދެއް ދިޔަޔަސް، އަހަރުމެން ޔުކްރެއިނަށް ދެމުންދާ އެހީތެރިކަން ފަނޑުވެގެންގޮސްގެން ނުވާނެ." ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލެންބަރގް ވިދާޅުވިއެވެ.

އަދި މިހަނގުރާމަ ދިގުލައިގެންދާނަމަ ތެލާއި ކާބޯތަކެތީގެ އަގުމަތިވުން އެކަށީގެންވާނެކަމަށް ތައްޔާރުވެތިބުމަށްވެސް ނޭޓޯއިން ވަނީ ފާހަގަކޮށްފައެވެ.

ނޭޓޯގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވެސް ވަނީ ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ގޮސްދާނެކަމަށް ލަފާކޮށް ޔުކްރެއިނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން