ސޯލަރ ޕެނަލް ހަރުކޮށްދިނުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ "އަވިކަތަ" ޕްރޮގްރާމް އިފްތިތާހްކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ ސްޓެލްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

"އަވިކަތަ" ޕްރޮގްރާމަކީ ސޯލަރ ޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާ ޕްރޮގްރާމެކެވެ. މި ސްކީމްގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓް ހުންނަން ޖެހޭނެއެވެ. އަދި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުންނަށް ޖެހޭނެއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިވެރިވެވޭނެކަމަށެވެ. މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ސޯލަރ ޕެނަލް ހަރުކޮށް މަރާމާތުކުރަން ޚަރަދުކުރާކަށް ނުޖެހޭނެއެވެ. އަދި ކުލީގެ ފައިސާ ކޮންމެ މަހަކުވެސް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޖަމާކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

2020 ވަނަ އަަހަރުން ފެށިގެން ސްޓެލްކޯއިން އަންނަނީ އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް އެ މަސައްކަތް އައު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އައު ސޯލަރ ސެންޓަރެއް ހުޅުވައި ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޚިދުމަތް އަންނަނީ ފުޅާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު