ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސް ނޫންކަމަށާއި، ކަންކަން ކުރިއަށްދަނީ ރަނގަޅު މިސްރާބަކުންކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ ގައުމުގެ އިގްތިސާދާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އާދަމް ޝަރީފް މީސް މީޑިއާގައި ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރާ މަޖިލީހަކުން ގަބޫލު ނުކުރިޔަސް، އިދިކޮޅު ފަރާތްތަކުން އިގްތިސާދާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅަނީ ސިރިއަސް މައްސަލަތަކެއްކަން ހާމަވަމުންދާކަމަށެވެ. އަދި ގައުމު އެއްކޮށް ބަނގުރޫޓްވުމުގެ ކުރިން ފިޔަވަޅުތައް އެޅުއްވުމަށް އާދަމް ޝަރީފް ގޮވާލެއްވިއެވެ.

އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްދުދެއްވަމުން އިކްރާމް ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ކާރިސާއަކުން ސަލާމަތްވުމަށްކަމަށެވެ.

އިކްރާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް ވަރަށް ތަފްސީލުކޮށް ފިނޭންސް މިނިސްޓަރ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ހިއްސާކޮށްދެއްވާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާލަޠް މިވަގުތު ގޯސް ނޫންކަމަށާއި ރައްޖޭގެ މިސްރާބް ރަނގަޅުކަމަށް އިކްރާމް ވިދާޅުވިއެވެ.



ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ އިއްޔެ ނިންމާފައެވެ.

މި ނިންމުން ނިންމައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން، އާ މުވައްޒަފުން ނުނަގައި އަދި މުސާރަ ބޮޑުވާ ގޮތަށް ޕޮރޮމޯޝަން ވެސް ދިނުން ހުއްޓާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ބަޖެޓަށް ބުރަވާފަދަ ކަންކަން ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފިނޭންސްގެ ސާކިއުލާގައިވެއެވެ.

މި ފިޔަވަޅުތަކަށް އަމަލު ކުރުމަށް ލޯކަލް ކައުންސިލްތައް ނޫން ސަރުކާރުގެ އެހެން ހުރިހާ އިދާރާއަކަށް ފިނޭންސުންވަނީ އަންގާފައެވެ. ނަމަވެސް، ކައުންސިލްތަކުންވެސް އެ ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ވެސް ހަރަދު ކުރުމުގައި ފިނޭންސުން ބުނެފައިވާ ކަންކަމަށް ރިޔާއަތް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިއީ ތަކެތީގެ އަގު ބޮޑު ވުމުގެ ސަބަބުން ހަރަދު ކުޑަކުރުމަށް ރަސްމީކޮށް ސަރުކާރުން ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު