ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވީނަމަވެސް މިނިވަންދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރެއް ބޭއްވުމުގެ ތައްޔާރީތައް ހޯމް މިނިސްްޓްރީން ފަށައިފިއެވެ.

މިނިވަން ދުވަހު ބާއްވާ ފުޅަނދު ބުރާއި ގުޅޭ މާބޮޑު ތަފްސީލެއް ހޯމް މިނިސްޓްރީއަކުން އަދި ނުދެއެވެ. ނަމަވެސް އެ ފުޅަނދުބުރު މި އަހަރު އޮންނާނެކަން ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން އެ ހަރަކާތަށް މިހާރު ތައްޔާރުވާން ވަނީ ފަށާފައެވެ.

މިނިވަން ދުވަހާއި ގުޅިގެން ފުޅަނދު ބުރެއް މި ބާއްވަނީ 3 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ 2019 ވަނަ އަހަރުއެވެ.

މިނިވަން ދުވަހާއި ގުޅިގެން ފުޅަނދު ބުރެއް ބާއްވަން ހޯމް މިނިސްްޓްރީން ތައްޔާވަމުންދާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ މުއައްސަސާތަކަށް އަންގާފައެވެ.

މި ނިންމުން ނިންމައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރެފައިވާ މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ ރަޝިއާ ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން، އާ މުވައްޒަފުން ނުނަގައި އަދި މުސާރަ ބޮޑުވާ ގޮތަށް ޕޮރޮމޯޝަން ވެސް ދިނުން ހުއްޓާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށްވުރެ މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ބަޖެޓަށް ބުރަވާފަދަ ކަންކަން ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފިނޭންސްގެ ސާކިއުލާގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު