ގދ. ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގ ކުންފުނިން ކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިފަދައިން ވިދާޅުވީ، ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސަނީފް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ދެނެގަތުމަށްޓަކައި ފަންނީ މީހުންގެ އެހީގައި މިހާރުވެސް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އެ އެއަރޕޯޓު ތަރައްގީ ކުރުމާގުޅޭ ކަންކަމުގައި ގާސިމް އިބްރާހިމްއާއި އަދި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، ތިނަދޫއަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދޭނެ އިންތިޒާމެއްގެ ތެރެއިން މިކަން ދެކޮޅު ޖެއްސޭނެ ގޮތްތަކެއް ހޯއްދަވާނެކަމަށާއި އަދި އެމަސައްކަތް ގާސިމް ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުވަދޫ އަތޮޅު ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ކާޑެއްދޫ އެއަޕޯޓުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް 7 އަހަރުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިލާ އެއާއިން ލަފާކުރެއެވެ. ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ވިލާ އެއާއިން ހިންގާ އެ އެއަރޕޯޓުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 01 މާރޗް 2022 ގައެވެ.



ކިޔުންތެރިންގެ ހިޔާލު