އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މި މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 28 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ އެކަކަށް އަދި 22 އަހަރުގެ މީހާ އަށް 15 ދުވަސް އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެހެން ނަމަވެސް 18 އަހަރުގެ އަނެއް މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި މާރާމާރީގައި ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗެއް ހެރުމުން ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެނިކޮށް ސ. ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21އ، ވަނީ ނިޔާވެފައެވެ. މި މާރާމާރީ އަކީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި މަސްތުވާތަކެއްޗާ ހެދި ޖެހުނު މައްސަލަތަކެއްގައި ހިންގާފައިވާ މާރާމާރީ އެެއް ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު