އަހުމަދު މަސްނޫމް   21 ޖޫން 2022 - 11:42
މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނު ފަސްކުރަންޖެހޭކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައި މިވަނީ ބާ އިމްތިޙާނުގެ ފީ އަގުު ބޮޑުކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ގިނަ ދަރިވަރުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އުޝާމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބާ އިމްތިހާނު ފަސްކުރަންޖެހެއެވެ. އަދި މިކަމުގައި ދަރިވަރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރަންޖެހޭކަމަށް އުޝާމް ވިދާޅުވިއެވެެ.

އުޝާމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނަންޖެހޭނަމަ އެކަން ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ގަދަކަމުން އިމްތިހާނެއްގައި ބައިވެރިކުރުމަކީ މިކަމުގައި ކުރިއަށްދާންޖެހޭ ގޮތް ނޫންކަމަށެވެ.



ބާ އިމްތިހާނު ފަސްކޮށްދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގެ ތާރީހަށް ބަދަލެއް ނުގެންނާނެކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ބާ އިމްތިހާނާ ގުޅިގެން ބައެއް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އެ ކައުންސިލަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެކްސްކޯގެ ނިންމުމަށް ބަދަލެއް ނުގެނައުމަށް އެކްސްކޯގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި ބާ އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަމަށެވެ. އެގޮތުން ޖޫން 25 ގައި އިމްތިހާން އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.

"25 ޖޫން 2022 ގައި ބޭއްވުމަށް އިމްތިޒާމު ކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް." ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވަނީ ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވެސް މި އަހަރުގެ ޖެނުއަރީ މަހު 600 އަށް ވުރެ ގިނަ ދަރިވަރުންނާއި ގާނޫނީ ފަންނަށް ވަނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނޭ ޕްލެޓްފޯމެއްގައި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ބާ އިމްތިޙާނުގެ ފީ އަގުު ބޮޑުކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ގިނަ ދަރިވަރުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވަނީ 20000 ރުފިޔާގެ ފީއެކެވެ. މި ކަންބޮޑުވުން ދަރިވަރުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. ކޮމިޓީން ވެސް ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އިމްތިހާނު ފަސްކޮށްދޭން ބާ ކައުންސިލްގައި އެދިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު