އަލިފުށި، މުލި އަދި ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން ރ. އަލިފުށީ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓުގެ އިތުރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާއިރު މި 3 އެއަރޕޯޓަކީވެސް އެތެރޭގެ އުނދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކެކެވެ.

މި 3 އެއަރޕޯޓުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އެއަރޕޯޓު މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން މަސައްކަތް ކުރާ ތިން އެއަރޕޯޓުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޓަރމިނަލާއި، ފަޔަރ ބިލްޑިންގގެ ފިނިޝިންގެ މަސައްކަތްކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، މ. މުލީ އެއަރޕޯޓުގެ ޓަރމިނަލަށް ބޭނުންވާ ބުޑުތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ފަޔަރ ބިލްޑިންގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އަދި އަލިފުށީ އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި 3 އެއަރޕޯޓުގެ މަސައްކަތްވެސް ރައީސް ސާލިހުގެ މި ދައުރުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމަށް ހުޅުވާލެވޭނެކަމަށެވެ.

"އުއްމީދުކުރަނީ އަންނަ އަހަރުގެ އޯގަސްޓް ސެޕްޓެމްބަރަށް އަލިފުށީ އެއަރޕޯޓުވެސް އެއްކޮށް ނިންމޭނެކަމަށް. މި 3 އެއަރޕޯޓުވެސް އިރާދަކުރެއްވިއްޔާ ރައީސްގެ މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބޭ ވަރަށް މަސައްކަތްކުރާނަން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިހާރު މަސައްކަތް ހިނގާ 3 އެއަރޕޯޓުގެ އިތުރުން، އިތުރު އެއަރޕޯޓެއްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރިޔަސް، އެކަން ކުރެވޭނެކަމަށެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ އިތުރުން އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ ރަށުގައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި ބިން ހިއްކުމާއި، މަގު ހެދުމުގެ އެތައް މަޝްރޫޢެއްވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު