ޔޯގާ ދުވަސް ފާހަގަކުރަން މިއަދު ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތް ކޮށްފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.

މިއަދު ހެނދުނު އޮތް ޔޯގާ ހަރަކާތް ހުއްޓުވާނެކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފަށައިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވާނެކަމުގެ މައުލޫމާތުތަައް މުޅި ސޯޝަލް މީޑިއާގައި ދިޔައީ ފަތުރަމުންނެވެ.

އެންމެފަހުން މިއަދު ހެނދުނު އިރުއަރައިގެން އައިއިރު އެސަރަހައްދަށް މީހުން ދިޔައީ ޖަމާވަމުންނެވެ. ޔޯގާގެ ހަރަކާތަށް ދިޔަ މީހުންނަށް ވުރެ ގިނައީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ދިޔަ މީހުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޅަދަނޑަށް އެތައް ބަޔަކު، އެންމެ ގޭޓެއް ބޭނުންކޮށްގެން ވަންނަމުން ދިޔައިރު އެމީހުން ހުއްޓުވަން އެސަރަހައްދުގައި ތިބި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ފުލުހުން ހަރަކާތްތެރިވާން ފެށީ އެތަނަށް ވަދެ ހަމަނުޖެހުން ހިންގަން ފެށި ފަހުންނެވެ.

ބައެއް މީހުން ތުހުމަތުކުރަމުންދަނީ ބޯޅަދަނޑަށް ވަދެ ހަމަނުޖެހުންތައް ހިނގަން ފުރުސަތު ދިނީ ފުލުހުންކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތްކޮށްފައިނުވާކަމަށް އެމީހުން ތުހުމަތުކުރެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މާލެ ސިޓީގެ ކައުންސިލަރު އަދި އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ ސައިފް ފާތިހު ކުރެއްވި ޓްވީޓެއްގައި ވަނީ ދަނޑަށް ވަދެގަންނާނެކަމަށް ބުނެ ރެއިން ފެށިގެން އިއުލާންކުރަމުންދިޔައިރު އެކަން ނުހުައްޓުވީ ކީއްވެތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

"ދަނޑަށް ވަދެ ގަންނާނެކަމަށް ރޭއް ސުރެން އައީ އިއުލާނުކުރަމުން. ކީށްވެތޯ ނޭނގި އޮއްނަން ވީ؟ ތައްޔާރު ނުވެވޭންވީ؟ ނުހުއްޓުވޭންވީ؟" ސަލާމަތީ ހިދުމަތްތަކުގަައި ވެރިންނަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ ވެރިންތަކެއްގެ އިހުމާލާއި ނަޤާބިލުކަން ފޮރުވަން ހަދައިގެން ގެއްލި މިދަނީ ދިވެހިންގެ ސަލާމަތާއި، ރައްކާތެރިކަންކަމަށެވެ.

"‏ފުރަ މާލޭގެ މެދުގައި، އެންމެ ކާރޫބާރޫ ބޮޑުވި ވަގުތު، މަޖިލިސް ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުންވެސް އެއީ ޒިންމާ އުފުލަންޖެހޭ ކަމެއް ނޫންކަމުގައި ބުނާ ވެރިންތަކެއްގެ އިހުމާލާއި ނަޤާބިލުކަން ފޮރުވަން ހަދައިގެން ގެއްލި މިދަނީ ދިވެހިންގެ ސަލާމަތާއި، ރައްކާތެރިކަން." ރައީސް ސާލިހު ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެވަރުގެ ކަމެއްވާން ދޫކޮށްލީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

"‏މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ؟ ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގިއޮތީތޯ؟ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ޤާބިލްކަން ނެތީތޯ؟ސުވާލު އުފެދޭ." ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

ފުލުހުންގެ އަމަލުތަައް މިއަދު ހުރި ގޮތާއިމެދު ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު، ފުލުހުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު