ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގެ މައްސަލަ ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށްބަޔަކު ވަދެގެން، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ކުށްވެރިކުރަށްވާފައެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވަޒީރުން ވަނީ ގޮވާލައްވާފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ބައްދަލުވުމުގައި މި ޢަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.

އެ ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަމުންނެެވެ. ފުލުހުން ވަނީ އެމައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހެނދުނު ޔޯގާގެ ބޮޑުޖަމާއަތް ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ވަނީ ހަމަލާދީފައެވެ.

އެކަން ކުށްވެރިކުރައްވައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ އެ ހަމަނުޖެހުން ހިންގުމުގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. 



ކިޔުންތެރިންގެ ހިޔާލު