ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުން ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލައި މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށްދެއްވި ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށެވެ.

އެގޮތުން އިހުލާސްތެރިކަމެއް ނެތި އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ރާއްޖޭގެ ދާހިލީ ހަމަނުޖެހުން ނަގާލެވޭ މޭރުމަކުން، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ހަނދުމަކޮށްދެން." އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެދިފައެވެެ.



ކިޔުންތެރިންގެ ހިޔާލު