ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހަށް ފަސްކުރަން ބާ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ބާ އިމްތިހާން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކުރުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، އިމްތިހާން ފަސްކޮށްދިނުމަށް އެ އިމްތިހާން ހަދަންޖެހޭ މީހުން ވަނީ އެދިފައެވެ. އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިމްތިހާން ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިއްމާފައެވެ.

އެ ނިންމުން ބަދަލުކޮށް، ބާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް ބާ އިމްތިހާން ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ އިމްތިހާން ތާވަލުކުރުމުގައި ގޯސް ހެދިފައިވާ ކަމަށެވެެ.

ބާ އިމްތިހާނު ބާއްވާ ތާރީހުގެ 90 ދުވަސް ކުރިން ތާރީހު އިއުލާނުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެ މުއްދަތު ގުނަންވާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފައެވެ.

ބާ ކައުންސިލުން އިމްތިހާނު ބާއްވާ ތާރީހު އިއުލާނުކުރީ 24 މާޗު 2022 ގަ އެވެ. ނަމަވެސް އެއީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

އެކަން ފާހަގަކޮށް ބާ ކައުންސިލުން ވަނީ ސިވިލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެހެންކަމުން ގަވައިދުގައި ބަޔާންކޮށްގަފައިވާ ގޮތަށް، އިމްތިހާނުގެ ތާރީހަށް 90 ދުވަސް ހަމަވެފައިނުވާކަން ބާ ކައުންސިލުގެ ސަމާލުކަމަށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އައިސްފައިވާ ކަމަށް އެ ސިޓީގައިވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ބާ އިމްތިހާނާ ގުޅޭ މައްސަލައިގެ ޝަރީއަތުގައި ބާ ކައުންސިލުން ދެއްކި ވާހަކަތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެކަމަށް ބާ ކައުންސިލުން ވަނީ މައާފަށް އެދިފައެވެ.

ބާ ކައުންސިލުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި އިމްތިހާނަށް ރަޖިސްޓްރީވި ދަރިވަރުން ނޮވެމްބަރުގެ އިމްތިހާނަށް އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި، އިމްތިހާނުގައި ބައިވެރިނުވުމަށް ނިންމައި، ރަޖިސްޓްރޭޝަން އަނބުރާ ގެންދިޔަ ދަރިވަރުން ވެސް ހިމެނޭނެ ކަަމަށް އެ ކައުންސިލުން ބުންޏެވެ.

ހަމައެއާއެކު، މި މަހު އިމްތިހާނު ހަދަން ރަޖިސްޓްރީ ނުވާ ދަރިވަރުންނަށް ނޮވެމްބަރުގެ އިމްތިހާނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބާ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު