ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
ގދ. ފަރެސްމާތޮޑާގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އާބާދީގައި ގާތްގަނޑަކަށް 1900 އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގެ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 142.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ އިތުރުން، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

2007 ވަނަ އަހަރު އެއްފަސްކުރި ފަރެސް އަދި މާތޮޑާ ދެމެދު ނުގުޅި 15 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް އޮތެވެ. މިހާރު ކުރިއަށްދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މި ސަރަހައްދު އެއްކޮށް ހިއްކައި، ދެ ރަށް ފުރިހަމައަށް އެއްފަސްކޮށް ގުޅުވާލުމެވެ.

މި މަޝްރޫޢު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ ބޭނުންތަކަށް ބޭނުންވާ ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު