ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެކުވެރި އަރަބި ޢިމާރާތުގެ ނެޝަނަލް މެރިން ޑްރެޖިންގ ކޮމްފެނީ (އެންއެމްޑީސީ) ގްރޫޕާ ދެމެދު އިސްތިރާތީޖީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެމްޓީސީސީން ބުނީ، މި ބައްދަލުވުން ބާއްވާފައިވަނީ ޔޫއޭއީގެ އަބޫދާބީގައި ހުންނަ އެންއެމްޑީސީގެ ހެޑް އޮފީހުގައި ކަމަށެވެ. މި ބައްދަލުވުމުގައި ދެ ކުންފުނީގެ މެދުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނޭ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު، ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓްކުރުމާމެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން ޑްރެޖިންގ ސަޕޯޓާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ ތަމްރީނާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ ވާހަކަ ދައްކާފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްވަރާތަކަށް ބިނާކޮށް ދެފަރާތުގެ ދެމެދުގައި އެމްއޯޔޫގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދުބާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމާއި، އެމްޓީސީސީގެ ޗެއަރޕާސަން ސާދާ އިބްރާހިމް އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އަދި އެ ކުންފުނީގެ އިސް މަސްއޫލުވެރިންނެވެ.



ކިޔުންތެރިންގެ ހިޔާލު