ނޮޅިވަރަމް ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ނޮޅިވަރަމް ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. ނޮޅިވަރަމު ސްކޫލުގައި އިމާރާތްކުރަމުންދާ މަލްޓިޕާޕަސް ހޯލުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި، ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، 2022 ވަނަ އަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގުމަށް ކަނޑައަޅައި، އެންމެ ފުރަތަމަ ނޯތު ކޯސްޓް ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތެކެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރުމަށްފަހު، މި ސަރުކާރުން ވަނީ މި މަޝްރޫއު އަލުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ފެންވަރަށް ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަރުހަލާ މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމަށްޓަކައި ވާންޖެހޭ ޝަޓަރިންގ މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ނޮޅިވަރަމު ސްކޫލުގައި މިފަދަ ޒަމާނީ މަލްޓިޕާޕަސް ހޯލެއް ގާއިމުވެގެން ދިއުމަކީ އެ ސްކޫލަށް ޖާގައިގެ ގޮތުން ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ. މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، ދަރިވަރުންގެ ތައުލީމީ އެކިއެކި ހަރަކާތްތަކާއި، ކުޅިވަރުގެ އިތުރުން ސްކޫލާއި ރަށު ފެންވަރުގައި ބާއްވާ އިޖުތިމާއީ ބޮޑެތި އެއްވުންތައް ބޭއްވުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް