ދިވެހިރާއްޖެއާއި ރުވާންޑާއިން 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ހަލީލް ރުވާންޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރުވާންޑާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެއާއި ރުވާންޑާއިން ސޮއިކުރި އެއްބަސްވުންތަކަކީ ޖެނެރަލް ކޯޕަރޭޝަންއާ ގުޅޭ އެއްބަސްވުމަކާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާއި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެމްއޯޔޫއަކާއި މެރިޓައިމް ޓްރާންސްޕޯޓާއި ގުޅޭ އެމްއޯޔޫއަކާއި ފިޝަރީޒް އެންޑް މެރިން ރިސޯސްއާއި ގުޅޭ އެމްއޯޔޫއެކެވެ.



މިއެއްބަސްވުންތަކާއި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ހަލީލްއެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާގެ ހާރިޖީ ވަޒީރު ވިންސެންޓް ބިރޫޓާއެެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއާއި ރުވާންޑާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވިގެންދިޔައީ 6 ސެޕްޓެމްބަރު 2019ގައެވެ.



ކިޔުންތެރިންގެ ހިޔާލު