ޔޯގާ ދުވަސް ފާހަގަކުރަން އިއްޔެ ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިވަނީ ގަލޮޅު ބޯޅަދަނޑުގައި އިއްޔެ ބޭއްވި ޔޯގާގެ ބޮޑު ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެކިއުރިޓީ ފަޅާލުމަށްފަހު ދަނޑަށް ވަނތް މީހުން ހުއްޓުވުމަށް ފުލުހުން ކުރި އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އެތެރޭގެ ތަހުގީގެެއް ހިންގަމުންދާކަމަށާއި، މިކަމުގައި މުއައްސަސާތަކުން ހިންގާ ތަހުގީގުތަަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްކުރާއިރު، ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް އިސްލާހީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.



އިއްޔެ ހެނދުނު އޮތް ޔޯގާ ބޮޑު ހަރަކާތް ހުއްޓުވާނެކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފަށައިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވާނެކަމުގެ މައުލޫމާތުތަައް މުޅި ސޯޝަލް މީޑިއާގައި ދިޔައީ ފަތުރަމުންނެވެ.

އެންމެފަހުން އިއްޔެ ހެނދުނު އިރުއަރައިގެން އައިއިރު އެސަރަހައްދަށް މީހުން ދިޔައީ ޖަމާވަމުންނެވެ. ޔޯގާގެ ހަރަކާތަށް ދިޔަ މީހުންނަށް ވުރެ ގިނައީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ދިޔަ މީހުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޅަދަނޑަށް އެތައް ބަޔަކު، އެންމެ ގޭޓެއް ބޭނުންކޮށްގެން ވަންނަމުން ދިޔައިރު އެމީހުން ހުއްޓުވަން އެސަރަހައްދުގައި ތިބި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ފުލުހުން ހަރަކާތްތެރިވާން ފެށީ އެތަނަށް ވަދެ ހަމަނުޖެހުންތައް ފެށި ފަހުންނެވެ.

ބައެއް މީހުން ތުހުމަތުކުރަމުންދަނީ ބޯޅަދަނޑަށް ވަދެ ހަމަނުޖެހުންތައް ހިނގަން ފުރުސަތު ދިނީ ފުލުހުންކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތްކޮށްފައިނުވާކަމަށް އެމީހުން ތުހުމަތުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު