ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލްއިން މާލެ ކައިރީގައި އަޅަން ނިންމިކަމަށް ބުނާ "ފްލޯޓިން ސިޓީ" ގެ ޕްރަޕޯސަލް ހުއްޓުވީ އެއީ ބޮޑު ސްކޭމެއް ނުވަތަ އޮޅުވާލުން ގަނޑަކަށްވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ދެކެވުނުވާހަކަތަކެއްގެ ތެރެއިން ރައީސް ނަޝީދަށް ރައްދުދެއްވަމުން ފައްޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ މަޝްރޫޢުގެ މަސައްކަތް އިކޮނޮމިކް ކައުންސިލުން ހުއްޓުވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ މަޝްރޫއަކީ ބޮޑު ސްކޭމެއް ކަމަށާއި މި މަޝްރޫއާއި ގުޅުވައިގެން އެ ކުންފުންޏަށް ސަރުކާރުން ދިން ފަޅުތަކުން 3 ފަޅު ބޮޑު އަގުގައި މިހާރު ވިއްކާލާފައިވާކަމަށެވެ. އަދި މި ފަޅުތައް ވިއްކާލުމުގެ އިތުރުން، ފަޅު ހިއްކައިގެން އިތުރު 6 ހަތަނެއް ތަރައްގީކޮށް އެ ތަންތަންވެސް ވިއްކާލަން އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ ގާއިމްކުރުމުގެ އެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. އެހެން ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިއަހަރުގެ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.

ނަމަވެސް މިގޮތަށް ރިސޯޓު ފަޅެއްގެ ވަކި ބައެއްގައި އާއްމު ބޯހިޔާވަހިކަން ހިންގަން ޓޫރިޒަމް ގާނޫނު ތަން ނުދޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ކުންފުނިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ގޮތަށް އެއްބަސްނުވީ މުޅި މި ޕްރޮޖެކްޓުގައި އޮޅުވާލުން ހިމެނޭތީ ކަމަށްވެސް ފައްޔާޒް މިއަދު ވިދާޅުވެފައިވެއެވެ.

"އެމީހުން (ކުންފުނިން) ހުށައަޅާފައި އޮތް ގޮތަށް އެކަން ކުރުމަކަށް ގާނޫނު ވެސް ތަނެއް ނުދޭ. ރައީސް (ނަޝީދު) އެކަމަށް ބާރުއެޅުއްވިއަސް އެއީ މުޅިން ގާނޫނާ ޚިލާފަށް އޮތް ކަމެއް. އެކަން އެއޮތީ ކުރެވޭފަދަ ގޮތަކަށް ނޫން." ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅު ނަމަ އެ ގްރޫޕްގައާއި މީޑިއާގައި ވެސް އެ މައުލޫމާތު ހިއްސާކުރަށްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ރިސޯޓެއްގެ ފަޅުގެ ތެރޭގައި ވަކި ސޯޝަލް ހައުސިންގ ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް. އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނަސްގެން." އެމަޝްރޫޢު ކުރިއަށް ގެންދެވެން ނެތް ސަބަބު ހާމަކުރަށްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ފްލޯޓިންގ ރިސޯޓް ތަރައްގީ ކުރަން އެކުންފުންޏަށް މާލެ އަތޮޅުގެ އެންމެ މުހިންމު ސަރަހައްދަކުން ފަސް، ހަ ފަޅު ހިލޭ ދީފައިވާ ކަމަށެވެ.

"އޭގެ ތެރެއިން ތިން ފަޅު މިލިއަނުން މިލިއަނުން ޑޮލަރު ނަގާފައި އެމީހުން ވަނީ ވިއްކާލާފައި، އެމީހުން އެތަން އިތުރަށް ހިއްކައިގެން އިތުރު ހަ ރިސޯޓް ހަދަން އޮތީ، ފްލޯޓިންގ ރިސޯޓެއް ނޫން. މިހާރު އެމީހުން ހުށައަޅާފައި އޮތީ އެފަޅު ހިއްކައިގެން ހަ ރިސޯޓު ތަރައްގީ ކުރަން. (ލަފާ ކުރެވެނީ އެވެސް ވިއްކާލަން ކަމަށް)." ފައްޔާޒު އިތުރަށް ވިދާޅުވިއެވެ.

ފައްޔާޒުގެ މި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު އެންމެ ފަހުން ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލަން އެ ކުންފުންޏަށް އަންގަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


7

އެއްކަލަ މީހާ ދޯ

25-Jun-2022

އެމަސައްކަތް ހުއްޓާލުމަށް އެކުންފުންނަށް އަންގަންވާނީ މަޖިލިސް ރައީސް އެއް ނޫން. ދިވެހި ސަރުކާރުން!!