ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގައި ކާނިވާ ރެސްޓޯރެންޓް ތެރޭގައި ހުންނަ ލެވެންޑަރ ކެފޭ ތެރެއިންނެެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް އެކަން އެޕާޓީން ދޮގުކުރެއެވެެ.

މުހައްމަދު އިސްމާއިލްގެ އިތުރުން ހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމްވެރިޔާ އައްޝައިޚް ފަޒްލޫން ބިން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފަައެވެެ.

ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެކުރިން ހަ މީހަކު ހައްޔަރުކޮށްފައެވެެ.

ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު