ފަތުވާ މަޖިލިސް ޕެެެރެލައިޒްވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގެ ފަތުވާގެ ރަސްމީ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދީނީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކާއި ދީނީގޮތުން އުފެދޭ ޚިލާފުތަކުގައި ފަހު ބަސް ބުނުމަށް އިސްލާމީ ފަތުވާދޭ މަޖިލީހެއް ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް އެ މަޖިލީހުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ‏އިސްލާމީ ހުރިހާ ޤައުމެއްގައި ވެސް ދީނީ އެއްބައިވަންތަކަމާއި ފިކުރީ އަަމާންކަން ޤާއިމު ކުރުމަށްޓަކައި ދައުލަތުގައި ފަތުވާ ކައުންސިލް އުފައްދައި ރަނގަޅު ގޮތުގައި ހިންގަމުންދާ ކަމަށާއި އެއީ މުޖުތަމަޢު އެއްބައިވަންތަކުރުމުގައި ވަރަށް ބޮޑު ބާރެއް ކަމަށެވެ. އެގޮތުން ‏ކުރީގެ ސަރުކާރުން ޤާނޫނަކުން ބާރުލިބިގެން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން ޢައްޔަންކުރި ކަމަށާއި އެފަރާތްތަކުގެ ޓާރމް ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ އެގޮތައް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީޖާއަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން ކަމަށެވެ. އެހެންކަމުން ‏ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ޤާނޫނަކުން އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖްލިސް ޕެރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ޤާއިމު ކުރަންޖެހޭ ކަމަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ.

"‏މިޒަމާނުގެ އިސްލާމީ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ، ސިޔާސީީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލައް ޢައްޔަންކޮށް ފަތުވާގެ ރަސްމީ ޢިލްމީ ޞައްޙަ މަޞްދަރު ކަށަވަރުކޮށް ޤައުމުގެ ދީނީ އެއްބައިވަންތަކަށް ޙިމާޔަތްކުރުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަން." އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހީމް ވިދާޅުވިއެވެ.

ފަތުވާ މަޖިލީހަކީ ދިވެހިންގެ މެދުގައި ހިލާފު އުފެދޭ ދީނީ މައްސަލަތައް ހައްލުކޮށް، އެކަން އޮންނަ ގޮތް ސާފުކޮށްދިނުމަށް އުފައްދާފައިވާ މަޖިލީހެކެެވެ. ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކުގައި މީގެ ކުރިން ޖަވާބުދާރީ ވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ ފިގްހު އެކަޑަމީންނެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ އެތަން، 2016 ވަނަ އަހަރު ވަނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ބަދަލުކޮށްފަ އެވެ.

އެތަނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް، ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމަކީ ވެސް ފަތުވާ މަޖިލީހުގެ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެެވެ.



ކިޔުންތެރިންގެ ހިޔާލު