ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

އެމްޖޭއޭ އިން ބުނީ މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން ވޯކިން ގްރޫޕެއް އެކުލަވާލާ މަސައްކަތްތަކެއް ކުރުމަށާއި މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ދިމާވާ ހުރަސްތައް ކުޑަކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގައި ފުލުހުންގެ މީޑިއާއިން މިހާރަށް ވުރެ ޕްރޮއެކްޓިވް ރޯލެއް އަދާކޮށް ހާމަކަމާއި، ހަމަހަމަކަމާ އެކު މައުލޫމާތު ހާމަކުރަމުން ގެންދިޔުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އެމްޖޭއޭ އިން މައުލޫމާތުދެ އެވެ.

އަދި ނޫސްވެރިންގެ ޕްރޮފެޝަނަލިޒަމް ރަނގަޅުކުރަން ކުރެވިދާނެ މަސައްކަތްތަކާއި މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ކިބައިން ނޫސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން ނޫސްވެރިންނާ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ސީޕީ ހަމީދު ދެއްވާފައިވާ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު