ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެއަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މާލެއަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ފްލޯޓިން ސިޓީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ އެއްބަސްވުމަކީ އެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރަށްވާފައެވެ.

ޑަޗް ޑޮކްލޭންޑްސްގެ ސީއީއޯ ޕައުލް ވިދާޅުވީ، އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް ވަަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެއް ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން ހަދާ ގެތައް 40 ވަރަކަށް އަހަރަށް ހުންނާނެ ކަމަށް ޑަޗް ޑޮކްލޭންޑްސް ކުންފުނިން ލަފާކުރެއެވެެ. މި ފްލޯޓިން ސިޓީގައި 5،000 ގެ ހެދުމަށް ވަނީ ނިއްމާފައެވެ.

މިއަދު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް އެ މަޝްރޫއު ބަދަލުކުރުމާއެކު އެ ޕްރޮޖެކްޓްގައި ޓޫރިސްޓު ރިސޯޓެއްގެ އިތުރުން، އާންމުން ދިރިއުޅޭނެ ގެތައް އެޅުމުގެ މަގު ވެސް ވަނީ ފަހިވެފައެވެެ.

ފްލޯޓިން ސިޓީ ގާއިމްކުރުމުގެ އެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. އެހެން ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިއަހަރުގެ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ މަޝްރޫޢުގެ މަސައްކަތް އިކޮނޮމިކް ކައުންސިލުން ހުއްޓުވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އިކޮންމިކް މިނިސްޓަރު ފައްޔާޒު ވަނީ އެކަމަށް ރައްދުދެއްވާފައެވެ. ހޮލެންޑުގެ ޑޮކްލޭންޑް އިންޓަނޭޝަނަލްއިން މާލެ ކައިރީގައި އަޅަން ނިންމިކަމަށް ބުނާ "ފްލޯޓިން ސިޓީ" ގެ ޕްރޮޕޯސަލް ހުއްޓުވީ އެއީ ބޮޑު ސްކޭމެއް ނުވަތަ އޮޅުވާލުން ގަނޑަކަށްވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ މަޝްރޫއަކީ ބޮޑު ސްކޭމެއް ކަމަށާއި މި މަޝްރޫއާއި ގުޅުވައިގެން އެ ކުންފުންޏަށް ސަރުކާރުން ދިން ފަޅުތަކުން 3 ފަޅު ބޮޑު އަގުގައި މިހާރު ވިއްކާލާފައިވާކަމަށެވެ. އަދި މި ފަޅުތައް ވިއްކާލުމުގެ އިތުރުން، ފަޅު ހިއްކައިގެން އިތުރު 6 ހަތަނެއް ތަރައްގީކޮށް އެ ތަންތަންވެސް ވިއްކާލަން އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ފައްޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު