އިންޓަނޭޝަނަލް ޔޯގާ ދުވަހާއި ގުޅިގެން އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތްތަކަށް ހުރަސް އެޅި މައްސަލައިގާ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކީ މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާއި ގުޅުން ހުރި މީހެއް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ފުލުހުން މިހާތަނަށް ޖުމުލަ 12 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި މަޝްހޫރު ދެ އިލްމުވެރިއަކުވެސް ހިމެނެއެވެ. އަދި އެ 12 މީހުންގެ ތެރޭގައި ހިމެނޭ ގއ. މާމެންދޫ/ އަސްރަފީވިލާ، އަހުމަދު ނަސޫހު (26އ) އަކީ، މޭ 6 ގެ ހަމަލާއާއި ގުޅުންހުރި މީހެއްކަމަށް ނާޒިމް މިއަދުވަނީ ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ، ނަސޫހަކީ މޭ 6 ގައި ބޮން ގޮއްވާލި އަދުހަމަށް ހިމާޔަތް ދިން މީހާ ކަމަށެވެ. މީގެ އިތުރުން ނަސޫހަކީ ފުރުގާން މިސްކިތުގެ އައިއެސްއައިއެސް މައްސަލައިގާ ހިމެނޭ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއި މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ބުނަމުންދަނީ، ބޯޅަދަނޑުގައި ހިނގި އެ ހަމަނުޖެހުމަކީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި ކަމެއްކަމަށެވެ. އަދި އެކަން ދަނީ އެފަރާތްތަކުން ކުށްވެރިކުރަމުންނެވެ. އަދި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު