މިއަހަރުގެ ޖުލައިމަހު ލިބޭ ބޮޑު ޗުއްޓީ ނިންމާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މާކުރިން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ހަވާލު ކުރެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު މުޖާހިދު ވިދާޅުވީ، ޓެކްސްޓް ފޮތްތައް ހަވާލު ކުރުމުގެ މަސައްކަތް ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ރޭވިގެން މިހާރުވެސް ކުރިއަށް އެބަ ދާކަމަށެވެ.

"ޗުއްޓީ ނިންމާ ދަރިވަރުން ސްކޫލަށް ނުކުންނާނީ، އޮގަސްޓް މަހުގެ 7 ގައި، ޓީޗަރުން ރިޕޯޓު ކުރާނީ އޮގަސްޓު 2 ވަނަ ދުވަހު، އެހެންވީމަ، އޭގެ މާކުރިންވެސް އިރާދަ ކުރެއްވިއްޔާ ފޮތްތައް ދަރިވަރުންނާ ހަވާލުކުރެވި ކުދިން ކިޔަވަން އަންނައިރު ފޮތްތައް ހަމައަށް ލިބިފައި ހުންނާނީ." މުޖާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކިޔެވުން ފެށެން ވާއިރަށް ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި ސްކޫލް ހުޅުވެން ވާއިރަށް އެއްވެސް ސްކޫލެއްގައި ޓީޗަރުން ނެތިއެއް ނުދާނެކަމަށެވެ. އަދި ޗުއްޓީ ނިންމާ ބައެއް ސްކޫލްތައް ހުޅުވޭއިރު ހުޅުވޭނީ އެއް ދަންފަޅިއަށް ބަދަލު ކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗުއްޓީ ނިމެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ފޯރުކޮށްދިނުމަކީ އެޑިޔުކޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން އަބަދުވެސް ކުރަމުން ގެންދާ ބުރަ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު