ދުނިޔެއަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކުރާނެކަމަށާއި، ނަމަވެސް 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތާއި އަޅާބަލާއިރު މިއަދުގެ ހާލަތު ގޯސް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ވިޔަފާރިކުރާ ފަރާތްތަކާއި އިންވެސްޓަރުންނަށް ޔަޤީންކަން ފޯރުކޮށްދިނުންކަމަށެވެ. އަދި ޔަޤީންކަން ފޯރުކޮށްދޭނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ވާނެކަމުގެ ޔަޤީންކަން އަރުވައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިންވެސްޓަރު ތަމްސީލްކުރުމަށް އަންނަ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމެއްގެ ދަށުން ކޯޕަރޭޓް ރެސިޑެންސް ވީޒާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމަށްވެސް އިކޮނިމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް ވިދާޅުވިއެވެ.

ފައްޔާޞް ވިދާޅުވީ ޔޫރަޕްގެ ހަނގުރާމައާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން އިގްތިސާދަށް އަސަރުކުރާނެކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތާއި އަޅާބަލާއިރު މިއަދުގެ ހާލަތު ގޯސް ނޫންކަމަށް ފައްޔާޞް ވިދާޅުވިއެވެ.

"ދަރަނީގެ ދަތި އުނދަގޫ ކަންތައްތަކެއް ކޮންމެވެސް ވަރަކަށް އެބަހުރި. އެ އުނދަގޫ ވަނީ ދުނިޔެއަށް އަންނަ ކަންތައްތަކުގެ ސަބަބުން." މިނިސްޓަރ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި އިކޮނިމިކް މިނިސްޓަރ ފައްޔާޞް އިސްމާއިލް ވަނީ ބައިވެރިވެވަޑައިގެން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަފައެވެ. އަދި ގިނަ އިންވެސްޓަރުންތަކެއް ހިމެނޭ މަޓީގެ މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު