އަންނަ އާދިއްތަ ދުވަހު ހއ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހއ. އަތޮޅުގައި ޚިދުމަތް ދިނުމަށް ޖުމްލަ ފަސް ފެރީ ބޭނުންކުރާނެ ކަމަށެެވެ. އެ ފަސް ފެރީ މިއަދުގެ ވަގުތެއްގައި މާލެއިން އެ އަތޮޅަށް ފުރާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެެވެ.

މާދަމާގެ ވަގުތެއްގައި އެ ފެރީތައް ހއ. އަތޮޅުގައި ބަނދަރު ކުރާނެ ކަމަށާއި އާދީއްތަ ދުވަހު ރަސްމީކޮށް ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

އެ ޚިދުމަތް މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުން ވަނީ ރަސްމީކޮށް ފަށާފައެވެ. އޭގެ ކުރިން، މިދިޔަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ އަތޮޅުގައި ޓެސްޓު ދަތުރުތަކެއް ވަނީ ކޮށްފައެވެ. އަދި މި ދަތުރުތަކުގައި އެއްވެސް އުޖޫރައެއް ދަތުރުވެރިންގެ އަތުން ނަގާފައި ނުވާ ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު