މާލެ ތެރޭގައި ހުމާއި ރޯގާ ގިނަވެފައިވާތީ އައިޖީއެމްއެޗްގައި ފުލޫ ކުލިނިކްގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ، މި ދުވަސްވަރަކީ އައިޖީއެމްއެޗަށް، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދަންދާ ބަލި މީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، އިއްޔެއިން ފެށިގެން އެ ހޮސްޕިޓަލްގައި ފުލޫ ކުލިނިކެއް ހުޅުވާފައިވާ ކަމަށެވެ. އަދި ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދާ ފަރާތްތަކަށް އެ ކުލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.



ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުގައި ފުލޫ ކުލިނިކެއް ހުޅުވާފައި މިވަނީ، ކޮވިޑް19 ފެތުރުން ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވަނިކޮށެވެ. ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރުނު ދުވަސްވަރު އައިޖީއެމްއެޗްގައި ފުލޫ ކްލިނިކްގެ ހިދުމަތް ފެށިއެވެ. ނަމަވެސް އެބަލި ފެތުރޭ މިންވަރު މި އަހަރުގެ ކުރީކޮޅު ވަރަށް ބޮޑުތަން ދަށްކުރެވުމުން އެ ކުލިނިކްތަކުގެ ހިދުމަތް އޮތީ ހުއްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު