ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، އޭނާގެ މައްޗަށް ދަނީ ޖިނާއީ ތަހުޤީޤެއް ވެސް ހިންގަމުންނެވެ.

އާއްމުގޮތެއްގައި ޓްވިޓަރގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ނާޒިމްގެ ޓްވިޓަރ އެކައުންޓްވެސް މިހާރު ވަނީ ޑީއެކްޓިވޭޓްކޮށްލާފައެވެ.

ޓްވިޓަރ އެކައުންޓް ޑީއެކްޓިވޭޓްކޮށް، ސޯޝަލް މީޑިއާއިން ނާޒިމް ސައްތާރު ގެއްލިފައި މިވަނީ، އޭނާގެ މައްޗަށް ވަރަށް ހަޑިހުތުރު ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނާޒިމް އަބްދުއްސައްތާރު ކަމަށް ބެެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއި އެެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ލީކްކޮށްލާފައިވާއިރު، އެމައްސަލައިގައި ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ވަނީ ސުވާލުވެސްކޮށްފައެވެ.

ވީޑިއޯއިން ފެންނަ މަންޒަރުތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ނާޒިމް ވިދާޅުވީ އެފަދަ އަމަލެއް ހިންގަވާފައި ނުވާނެކަމަށެވެ.

ފުލުހުންގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވި ނާޒިމްގެ ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަވެސް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު