އަންނަ ދިރާސީ އަހަރު ގުރޭޑް ދޭއްގެ ދަރިވަރުންނަށް ލިބޭނީ މުޅިން އާ ޓެކްސް ފޮތް ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ގުރޭޑް ދޭއްގައި ކިޔަވައިދޭ ހުރިހާ ޓެކްސް ފޮތްތަކެއް މުރާޖައާކޮށް ޗާޕްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން ގުރޭޑް ދޭއްގެ ދަރިވަރުންގެ ޓެކްސް ފޮތް ތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށާއި، ދިރާސީ އާ އަހަރު ގުރޭޑް ދޭއްގެ ދަރިވަރުންނަށް ލިބޭނީ އާ ޓެކްސް ފޮތް ތަކެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

"އެހެންވީމަ ގުރޭޑް ދޭއްގެ ދަރިވަރުންނަށް ދިރާސީ އާ އަހަރު ލިބިގެންދާނީ އާ ޓެކްސް ފޮތް ބައެއް. މާނައަކީ ނިމިގެންމިދާ ދިރާސީ އަހަރުގައި ގުރޭޑް ދޭއްގެ ދަރިވަރުން ކިޔެވި ޓެކްސް ފޮތާއި ކުރިއަށް އޮތް ދިރާސީ އަހަރުގައި ދަރިވަރުން ބޭނުންކުރާ ޓެކްސް ފޮތްތަކުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ހުންނާނެ، އެއީ ކަރިކިއުލަމް ސިމްޕޯސިއަމްގެ ތެރެެއިން އެ ނިންމި ނިއްމުމާއި އެއްގޮތަށް ޓެކްސް ފޮތްތައް މުރާޖައާ ކުރެވި ގެނެވޭ ބަދަލު،" އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވީ މިފެށޭ ދިރާސީ އަހަރަށްފަހު ދެން އަންނަ ދިރާސީ އާ އަހަރުގައި ގުރޭޑް ތިނެެއްގެ ދަރިވަރުންގެ ޓެކްސް ފޮތްތަކަށް ބަދަލު ގެންނަން ނިއްމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދިރާސީ އަހަރަކު ގުރޭޑެއްގެ ފޮތްތަކަށް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު