ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ގިނަ ފިވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު. ވަނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި، އެއަރޕޯޓަށް ދާ އެންމެހާ ފަރާތްތަކުން ވެސް މާސްކް އެޅުމަށް އިރުޝާދު ދީފައެވެ.



އެމްއޭސީއެލުން މިފަދައިން އިލްތިމާސް ކޮށްފައިވާއިރު، ނިމުނު ހަފްތާތެރޭ އައިޖީއެމްއެޗުން ވެސް ވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން މާސްކް އެޅުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން ނިމުނު ހަފްތާގެ އަންގާރަ ދުވަހު ބުނެފައިވަނީ، ކޮވިޑް ކޭސްތައް ފެންނަވަރު މި މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު މިމަހުގެ ތިންވަނަ ހަފްތާގައި ވަނީ 185 އިންސައްތަ މައްޗަށް ގޮސްފައިކަމަށާއި މިމަހު އެ ބަލީގައި 3 މީހަކު ނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން ސްކޫލްތަކާއި އޮފީސްފަދަ ގިނަބަޔަކު އެއްވާ ތަންތަނުގައި މާސްކް އެޅުންފަދަ ގިނަ ކަންތައްތަކެއް ކުރުމަށް އެޗްޕިއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.

މި ބަލީގައި މިއަދުވެސް ރާއްޖެއިން ވަނީ މީހަކު ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު