ކޯލިޝަންގެ ބައިވެރިން
ކޯލިޝަންގެ ބައިވެރިން
ވޭތުވެދިޔަ 48 ގަޑިއެއްހާއިރުގެ ތެރޭގައި މީޑިއާތަކާއި މީސް މީޑިއާއިން އެންމެ ބާރަށް އެންމެ ގިނައިން ދެކެވުނު އެއްވާހަކައަކީ ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައި ހުރި 7000 ހައުސިންގ ޔުނިޓް ތަކެއްގެ ވާހަކައެވެ. މިދޭތެރެއަކުން އެވާހަކަ އޮބިފައި އޮވެލާފައި އެވާހަކައެއް މާބާރަކަށް އަނެއްކާ ދެކެވެން ފެށީ ރައީސް ޞާލިހުގެ ކެބިނެޓަށް ކޯލިޝަންގެ ބައިވެރިއަކު ތަމްސީލު ކުރަން ލާފައި ހުރި ގެދޮރާބެހޭ ވަޒީރަށް އޮޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ގޯސް ވާހަކައެއް ދެކެވިގެންނެވެ.

އެކަމަނާއަށް މި ސަރުކާރުގެ ހައުސިންގ އާބެހޭ ހަމަ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް ފާޑަކަށް ޖަވާބު ދެއްވިއެވެ. އެކަމަކު އެކަމަނާއަކީ މީހަކު އުރާލައިގެން ގެނަސް އެވާހަކަ ދައްކާން މީޑިއާއަކު ބެއިންދިޔަސް އިންނާނެ ބޭފުޅެއް ހެނެއް ހިއެއް ނުވެއެވެ. އަމުދުން އެގޮތަށް އަތުލަފި ކޮށްގެން ގެންގޮސް ބެއިންދިޔަސް މި ސަރުކާރުގެ އެޖެންޑާ އޮނަވިހީގައި އޮތް އެއްޗެއް ފަހުމްވާ ބޭފުޅެއް ހެނެއް ހީއެއް ނުވެއެވެ.

ދެން ވީ ގޮތަކީ އޮޅިވަޑައިގެން އެވިދާޅުވި އެއްޗެއް ވިދާޅުވެފައި ނުކުމެ ވަޑައިގެން ދެންވެސް އެކަން ހަމަޖައްސާން އެއްޗެއް ވިދާޅުވާކަށް ވެސް އެނގިވަޑައެއް ނުގަތެވެ. ދެން އިދިކޮޅުން އެހެރެގެން ތަޅަން ފެށީއެވެ. ހީވީ ޓްވިޓަރ ބަންޑުންކޮށްލި ހެނެވެ. ސަޅި ފޮޓޯތަކާއި މަންޒަރުތަކާއި މޮޅު ވާހަކަތަކުން މުޅި މީސް މީޑިއާ ފުރާލައިފިއެވެ. ކުދިވެރިން ފިޔަވައި ސަރުކާރުގެ ދިފާޢުގައި ބަހެއް ބުނެލާނެ ހަރު މީހަކު، ބޭފުޅަކު ރެއާއި ޖެހެންދެން ހަމަ ނުވިއެވެ. ނުކުމެވަޑައެއް ނުގަތެވެ.

އެންމެ ފަހުން އެ 7 ހާސް ފްލެޓެއްގެ މޮޅު ވާހަކައާއި މިސަރުކާރަށް ދޮޅު އަހަރު ވީއިރުވެސް ހަދާ ނިމިފައި ހުރި ފްލެޓް ތަކެއް ނުދެވުނު ވާހަކައާއި އެވަރު ނުވީ ބަޔަކަށް އެޅޭނީ ފްލެޓެއްވެސް ނޫނޭ ކިޔައިގެން މުޅި ސަރުކާރު ބޮލާފޮށާ އަޅުވައިފިއެވެ. އިދިކޮޅުން މިފަހަރު ކުޅެން ނާރާ، ކިރިޔާވެސް މީހަކަށްވާ މީހަކު ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހާވަރު ކޮށްލިއެވެ.

ސަރުކާރުގައި އެވާހަކައަށް ރައްދެއް ދޭނެ ވަޒީރަކު ނެތްކަން ކަށަވަރު ވުމުން ސަރުކާރު ދިފާޢު ކުރައްވަން ނުކުންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަށް ހަމަ ކެއްނުވީކަހަލައެވެ. އެމަނިކުފާނު އެއްޗެއް ވިދާޅުވުމާއި ހަމައަށް ވެސް އަދި އޭގެ ފަހުންވެސް ރައީސް ޞޯލިހުގެ ސަރުކާރުގެ ހަމަ އެއްވެސް ވަޒީރަކު އެކަމުގައި އެއްޗެއް ވިދާޅުވި އަޑެއް، މިފަހަރަކު ނާހަމެވެ.

ރައީސް ނަޝީދު ނުކުމެވަޑައިގެން ފުރަތަމަވެސް ހަމަލާ ދެއްވީ ވަރުގަދަ މިސައިލަކުންނެވެ. މައިތިރިވެވަޑައިގެންނެވީ ފުލުފުލުގައި ތިން ހަތަރެތި ދޫކޮށްލައްވާފައެވެ. ފުރަތަމަވެސް ހަމަލާ ދެއްވީ ހިސާބުކިތާބުންނެވެ. ބޮޑުމިނާއި ކޮށްފައި ހުރި ޚަރަދާއި ޖެހޭ އަގުތަކުންނެވެ. ދިމާ ވިޔަސް ނުވިޔަސް، ރަނގަޅަސް ނުބަޔަސް މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަދި މިހާތަނަށް މި ސަރުކާރަށް ފްލެޓެއް ނޭޅުނަސް މައްސަލައެއް ނެތްތާއެވެ. އަޅަން ހުރި ފްލެޓާއި ކުރީގެ ސިޔާސަތާއި ކުރިއަށް އޮތް ސިޔާސަތު ވިދާޅުވެދެއްވައި މަންޒަރު ދެއްކޭން އެބައޮތް ނޫންތޯއެވެ؟ އަދި އެކަމުގައި ހަގީގަތްތަކެއް ވެސް އެބަ އޮތް ނޫންތޯއެވެ؟

ރައީސް ނަޝީދު، ސަރުކާރު ދިފާޢު ކުރައްވަން ނުކުމެ ވަޑައިގެން ދެއްވި ހަމަލާ ތަކަށް އިދިކޮޅުން ކޮންމެވެސް ވަރަކަށް ޑިފެންސަށް ފައިބަން މަޖުބޫރު ވިއެވެ. ހަމަ ރައީސް ނަޝީދު ހަމަލާ ދެއްވި ގޮތަށް ހަމަލާއައި ދިމާއަށް ހަމަލާދޭން އިދިކޮޅަށް މަޖުބޫރިވިއެވެ. ދެން އިދިކޮޅުންވެސް ނެރެން ޖެހުނީ ހިސާބު ކިތާބެވެ. އެއީ ހަމަ އަޅާ ކިޔައި ދެކޮޅަށް ވެސް ކިރާލެވޭނެ ފުރުސަތު އޮތް ޖަވާބު ތަކެކެވެ. އެހެނީ އެއަޑު އަހާން ތިބި އާންމު ރައްޔިތުންނަށް މިއިން އެއްވެސް ހިސާބެއް ފެންނާނީ އެކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ދެއްކެވި ގޮތަކަށް ދެއްކެވި ހިސާބެއް ކަމުގައި ވާތީއެވެ.

މި ވާހަކަ މިދައްކާލީ އެ ބަހުސްގައި މޮޅުވީ ކޮން ކޮޅެއްތޯ ނުވަތަ ކޮން ބޭފުޅެއްތޯ ހާމަކުރުމުގެ ނިޔަތަކު ނޫނެވެ. އަދި އެބުނާ ޚަރަދުތަކަކާއި މިންތަކެއްގެ ހަގީގަތަކީ ކޮބައިތޯ ސާފުކޮށް ދިނުމަކަށްވެސް ނޫނެވެ. ހަމަގައިމުވެސް ރައީސް ނަޝީދު ނުކުމެ ވަޑައިގެން ސަރުކާރުގެ ދިފާއުގައި ބަސް ވިދާޅުވެ ކިތަންމެ ރަނގަޅަކަށް ވެސް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ. އެވާހަކަ މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދައިފިއެވެ. މީގެ ސަބަބުން އިދިކޮޅު ޓީމަށް އިތުރު ވަރުގަދަ ފަހުލަވާނުން ހޯދައިގެން ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން ޖެހުނެވެ.

އެހެންވީމާ މިއަދު ފެނިގެން މިދިޔަ އެއް ކަމަކީ މި ސަރުކާގެ ދިފާޢުގައި ވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް ހުންނެވީ ހަމަ އެންމެ ބޭފުޅެއް ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ސަރުކާރު ޖަވާދާރީ ކުރެއްވުމުގެ މަސައްކަތެވެ. ގެއަށް ވަޑައިގެން ނޫނީ އަމިއްލަ އޮފީހަށް ވަޑައިގެން ސަރުކާރުގެ ދިފާޢުގައި ޖަވާބު ދާރީ ވެވަޑައިގެންނެވުމެވެ.

ދެން އޮތީ މި ދައްކަން ފެށި ވާހަކައެވެ. މި ސަރުކާރަށް ދެއަހަރު ވެގެންދާއިރު މި ސަރުކާރުގެ ވަޒީރަކު މިސަރުކާރުގެ ދިފާޢުގައި ބަހެއް ބުނާތަން ނޫނީ ވިދާޅުވާއަޑު ނީވޭ ވާހަކައެވެ. ސަރުކާރުގެ ސިޔާސަތެއްގެ ވާހަކަ މީސް މީޑިއާގައިވެސް މީޑިއާގައިވެސް މަދުން ނޫނީ ދައްކަވާ ވަޒީރަކު ނޫޅުއްވާ ވާހަކައެވެ. ރައްޔިތުންނަށް މިފެންނަނީ ތަންކޮޅެއް އަބުއި ވަޒީރުން ރައީސް ޞޯލިހުގެ ކެބިނެޓްގައި އުޅުއްވާ ތަނެވެ.



ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވުރެ ސަރުކާރަށް ދިއްކުރެވޭ ތުހުމަތުގެ އިނގިލި ގިނައެވެ. ވައްކަމާއި ޚިޔާނާތާއި ނާޖާއިޒު ގޮތުގައި ފައިސާ ބޭނުން ކުރާ ވާހަކައެވެ. ގޯސްކޮށް ކަންކަން ކުރާ ވާހާކައެވެ. އެއްވެސް ރޭވުންތެރި ކަމެއް ނެތް ވާހަކައެވެ. ސަރުކާރު ހުއްޓިފައިވާ ވާހަކައެވެ. ރައްޔިތުން ގޭބަންދުގައި ބައިތިއްބައިގެން ކަންކަން ބޮއްސުންލައިގެން ދާއިރުވެސް އަޅާ ނުލެވޭ ވާހަކައެވެ.

ހަގީގަތްތަކެއް އެބަ ހުއްޓެވެ. ވަރަށް ވެސް "ސުލޯ" އޭ ބުނެވޭނެ ޖާގަތަކާއި ބާގަނޑުތައް ފެންނަން އެބަ ހުއްޓެވެ. މިފަހަރުވެސް މިސާލެއް ނަގަން މިޖެހެނީ ރައީސް ނަޝީދާއި ހަމައިންނެވެ. ހަގީގަތުގައިވެސް އަދި އެހެން ތާކުން މިސާލެއް ފެންނާން ނެތީމައެވެ.

ފުރަބަންދުގައި އޮއްވާ ކުއްލިއަކަށް ރައީސް ނަޝީދު ރައްޔިތުންގެ މަޖިލިސް އެއްކުރެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް ފައްޓަވަން ޖެހޭކަމަށް އެންގެވިއެވެ. ސަބަބުތައް ވެސް ދެއްކެވިއެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ވާހަކައާއި ސަރުކާރަށް މަގު ދައްކައިދީ އެހީތެރިކަން ދޭން ޖެހޭ ވާހަކައެވެ. ދޭތެރެއަކުން މަލާމާތުގެ ރާގަށް ބަސްފުޅެއް ވިދާޅުވިޔަސް ހަގީގަތުގައި ވެސް އެދުވަހު ދެއްކެވި ވެންޓިލޭޓަރުގެ ވާހަކައަކީ ހަމަ ވަރަށް ސީރިއަސް ވާހަކައެކެވެ. އޭރު އިދިކޮޅުން ހަމަލާދެމުން ދަނީ އެ ވެންޓިލޭޓަރެއްގެ ވާހައިންނެވެ. ވެންޓިލޭޓަރު ހިމަނައިގެން އެލައިގެން ނުގޮވާކަ އެއްޗެއް ނެތެވެ. ވަޒީރު އަމީނާއި ވަޒީރު އަމީރާއި ހިސާބުން ވެސް ނިމޭ ވަރެއް ނުވިއެވެ. އެންމެ ފަހުން އެ ބޮޑު ބަދުނާމު މުޅި ސަރުކާރާއި ރައީސްގެ އިސްތަށިފުޅުގައި އެޅި މައްސަލަ ބަލަން ވެސް ފެށީއެވެ. ކޯވިޑްގެ މައުލޫދު ދެބައި ވީއެވެ. އަދިވެސް އެ ވެންޓިލޭޓަރުތައް ވީ ހިސާބެއް ނޭނގެއެވެ.

ދެން ކޯވިޑާއި ގުޅިގެން ކުރާ ޚަރަދު ތަކުގެ ވާހަކައެވެ. އިދިކޮޅުން އެއްޗެއް ކިޔައިގަތީމާ، ނޫސްތަކުގައި އެވާހަކަތައް ޖަހަން ފެށީމާ މާލީ ވަޒީރާއި އިގްތިޞާދީ ވަޒީރު ނޫސްކޮންފަރެންސް ބާއްވަވައެވެ. ހިސާބުތައް ވިދާޅުވެ ދެއްވައެވެ. އެކަމަކުވެސް ގިނަ ފަހަރަށް ނިމޭއިރު އޮންނަނީ "އަތަށް ގޮވާފަ" އެވެ. ގިނަ ވަހަކަތައް ފުންކަމުން ދަނީ އާންމު ރައްޔިތުންގެ ބޯމަތިންނެވެ.

ހާލުގައި ގޮތް ހުސްވެފައި ތިބި ރައްޔިތުން ބޭނުންވާ ގޮތަކަށް އެވާހަކަ ނުދެއްކެވެނީ އެމީހުން އެއަރާ ސުފުރާ މައްޗަށް އެބޭފުޅުން އަރާވަޑައި ނުގަންނަވާތީ ކަމަށްވެދާނެއެވެ. ހައްތަހާވެސް ދައްކަވަނީ މާލީ އެހީތެރިކަން ކޮންމެވެސް ބަޔަކަށް ދޭ ވާހަކައާއި ލުއި ލޯނުތަކާއި ވަޒީފާ ގެއްލިފައިވާ ބަޔަކަށް ފަސް ހާސް ރުފިޔާ ދެއްވާ ވާހަކައެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އާނމްދަނީ މުޅިން ހުއްޓިފައިވާއިރު އެކަމަށް ފަރުވާއެއް ކޮށްދޭ ވާހަކައެއް ނުދައްކަވައެވެ. މާވަށު ދާއިރާގެ މެންބަރުގެ ޕެންޝަން ބިލުގެ ވާހަކަ ރައްޔިތުންނަށް ވިއްކުނީ ވެސް އެ ފަސް ހާސް ރުފިޔާ ނުލިބޭ އެހެނަސް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓިފައިވާ މީހުން ގިނަވީމާ އެމީހުންނަށް އެގޮތްވެސް އެންމެ ރަނގަޅު ވީމައެވެ.

ޓޫރިޒަމް މިނިސްޓަރާއި ހޯމް މިނިސްޓަރު ދޭތެރެއަކުން ފެނެއެވެ. އެކަމަކު އެބޭފުޅުންނަކަށް އިދިކޮޅުން ދައްކާ ވާހަކަތަކަކަށް ރައްދެއް ނުދެވެއެވެ. އިބްރާހީމާއި އިބްރާހީމްގެ ސަރުކާރު ވިއްކާކަށް، ދިފާޢު ކުރާކަން އުޅެވޭ ވަރެއް ނުވެއެވެ. ފަހަރެއްގައި އުޅުއްވާން ބޭނުންވެސް ނުވަނީވެސް ކަންނޭގެއެވެ. އިމްރާނު ދެން "ހޯމް މިނިސްޓަރު" ބަދަލުކޮށްލެއްވީމާ ތަންކޮޅެއް އަބުއިކޮށް އުޅުއްވަން ވެސް ޖެހިދާނެއެވެ. ވަޒީރު އަލީ ވަހީދު އަދި "ދިދަނޑިއަށް" އަރާ ވަޑައިގެންނެވިއަސް އެހާ އަބުއި ވާވަރެއް ވީކަމަކަށް ގަބޫލެއް ނުކުފެވެއެވެ. ހަމަގައިމުވެސް މިދެ ބޭފުޅުންނަކީ އެހާ އަބުއިކޮށް ކުރިން އުޅުއްވި ބޭފުޅުންނެއް ވެސް ނޫނެވެ. މިއީ ހަމަ ސިޔާސީ މައިދާނުގައި އަޑުގަދަ، ރުއްގިނަ، ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާލެއްވުމުގެ ގާބިލުކަން ދަނޑުމަތީގައި ދައްކަވާފައިވާ ދެބޭފުޅުންނެވެ.

ދެން ހުންނެވީ ޚާރިޖީ ވަޒީރެވެ. ހަގީގަތުގައި ވެސް މިސަރުކާރުގެ އެންމެ ވަރުގަދަ އެއް ތަނބަކީ އެވަޒީރެވެ. އެވަޒީރު ގެންގުޅުއްވާ ނޫސްވެރިންނާއި މީސްމީޑިއާ އެކްޓިވިސްޓުން އެވަޒީރުގެ ވާހަކަތައް ކިތަންމެހާ ވަރަކަށް ވެސް ދައްކަވައެވެ. ބޭނުންފުޅުވާ މަގުޞަދު ހާސިލު ވާވަރަށް ޕްރޮމޯޓް ކުރައްވައެވެ. ޚަބަރުވެސް ދެއްވައެވެ. ފޮޓޯ ނަންގަވައިގެން ގްރޫޕްތައްކަށް ލައްވައެވެ. އެވަޒީރު މަސައްކަތް އެކުރައްވަނީ އަލީ އާޒިމް އެވިދާޅުވާ ދިމާއަށް ކަމަށްވާނަމަ އެވަޒީރުގެ ޓީމު އަދިވެސް ބޮޑު ކުރައްވަން ވީއެވެ. އިބްރާހީމަށް ކަމުދަންޏާ އެ ގެންދަވާ ގޮތް ހަމަ "ސަތޭކަ"އެވެ.



ހަމަގައިމުވެސް މިހާތަނަށް އެންމެ ގިނަ ވަޒީރުންނާއި، ޚާއްޞަ މިނިސްޓަރުންނާއި ނާއިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެއަށްވުރެ ދަށް ސިޔާސީ މަގާމުތައްވެސް އެންމެ ގިނަ އެއް ސަރުކާރަކީ ބޮޑު ކޯލިޝަންގެ މި ސަރުކާރެވެ. މި ސަރުކާތުގައި ތިއްވެވީކީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނެއް ނޫނެވެ. ކޯލިޝަންގެ ހުރިހާ ޕާޓީތަކުން އެކި ކަހަލަ ފަންނާނުންނާއި މުފައްކިރުންނާއި އެކްޓިވިސްޓުންނާއި ކުރީގެ ސަރުކާރު ތަކުން ވެސް ބައިއެޅި ބައި ލިބި މަގާމާއި ނުފޫޒު ބޭނުން ކުރެއްވި ބޭބޭ ފުޅުން ވެސް އެބަތިއްބެވެ. މިދެންނެވި ބޭބޭފުޅުންގެ ތެރޭގައި ފެންފޯއްރުއް ޖައްސަވަން އެނގިވަޑައި ނުގަތަސް ފެންފޯއް ރުއްތައް ކެނޑުއްވުމާއި އެވާހަކަ ދެއްކެވުމާއި އެނޫން ވާހަކަތައްވެސް ދައްކަވައި ސަރުކާރުތަކާއި ލީޑަރުންނާއި ޕާޓީތައް ވިއްކެވި އެކްޓިވިސްޓުން މަދެއް ނޫނެވެ. އެކަމަކު ރައީސް ޞާލިޙްގެ މިވެރިކަމުގައި އެއިން އެއްވެސް ބޭފުޅެއްގެ އަޑެއް ނީވެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ދާދިފަހުން ހަމަ ކޯލިޝަންގެ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކު ދައްކަވާތީ އަޑުއެހިވާހަކައެއް މިތާނގައި ހިއްސާކޮށްލާނަމެވެ. "ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގައި ތިއްބެވީ ރައްޔިތުންނާއި ހަމައިގާ ތިބި ވަޒީރުންނެވެ. އޭގެ ތެރެއިން އަޅުގަނޑާ ކޮންމެ ދުވަހަކުހެން ދިމާވާ އެއް ވަޒީރަކީ އެސަރުކާރުގެ ޚާރިޖީ ވަޒީރެވެ. އަޅުގަނޑާއި ދިމާވާ ކޮންމެ ފަހަރަކު އެ ދުއްވާ ސައިކަލު ހުއްޓާ ފައިބައިގެން ނޫނީ މަޑުކޮށްލައިގެން ވާހަކަ ދައްކާ ނުލައި ވަޑައެއް ނުގަންނަވައެވެ. ދެން ފެނުނީ ރައީސް ޔާމިންގެ ސަރުކާރެވެ. އެ ސަރުކާރުގައި ތިބި ގިނަ ވަޒީރުންނަކީ މީގެ ކުރިން އެފަދަ މަގަކުން ހިނގާތީވެސް ފެނިފައިވާ ބައެއް ނޫނެވެ. އެކަމަކު ދުވަސްކޮޅަކުން އެއިން ކޮންމެ މީހަކު ވީ ސައްދާމް ހުސައިންގެ ތަރުޖަމާން ފަދަ ސައްހާފަކަށެވެ. އެބޭފުޅުން ރެއާއި ދުވާލު ކުރައްވާ ކަމަކީ ސަރުކާގެ ވާހަކަ ދައްކާ ސަރުކާރު ދިފާޢުކޮށް ޖަވާބު ދާރީ ވުމުގެ މަސައްކަތެވެ. އެއާއި ޚިލާފަށް މިސަރުކާރުގައި މިތިބީ "މަންމަނުން" ކަން ނޭނގެއެވެ. އެބޭފުޅުންގެ ބަސް އެހާމަދެވެ. ސަރުކާރާއި އެބޭފުޅުންގެ ރައީސް ކޮށާ ކުދިކޮށް ނަގާއިރުވެސް މަށަށް ކިޔަނީ މަރިޔަނބޭ ވެސް ވިދާޅެއް ނުވެއެވެ."

މިދެންނެވި ރަހުމަތްތެރިޔާ މި ސަރުކާރުގެ ވަޒީރުންނާއިމެދު ދެކޭ ގޮތެވެ. އޭނާގެ ތަސައްވަރެވެ. ދެން އުޅުއްވަނީ ދެމީހުން އެއްކޮށްލީމާ މީހަކަށްވާ ވަޒީރުންނާއި އާޒިމް ވިދާޅުވާ ގޮތަށް 2023 ފެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

މިހާރު މިސަރުކާރަށް ދެއަހަރު ވަނީއެވެ. މިދެންނެވި ޒާތުގެ ވަޒީރުންނާއި އެފަދަ ސިޔާސީ ބޭބޭފުޅުން ލައިގެން ހިންގަވަން އުޅެގެން ރައީސް ޞާލިޙްގެ ސަރުކާރު ނުކުޅެދޭ ސަރުކާރަކަށް ވެއްޖެ ކަމަށް މީހުން އެބުނާ ވާހަކަ ވެސް ގަބޫލު ކުރެވެން ފަށައިފިއެވެ. މިހާރުދެން އަޖުމަ ބެލިއްޖެ ނޫންތޯއެވެ؟ ފުރުސަތުވެސް ދެވިއްޖެ ނޫންތޯއެވެ؟ ދެން އޮތް ފަސް އަހަރުވެސް ބޭނުމިއްޔާ މިކަންކަން އިސްލާހުކޮށް ކެބިނެޓުގައި ތިޔަ ގެންގުޅުއްވާ "އަޑު ނީވޭ، ވާހަކަ ނުދެއްކޭ، ބަސްނުކިޔޭ" ކުދިންކޮޅު ދޫކޮށްލައްވާފައި އަމާން ބަނދަރެއް އަތުވޭތޯ މިސްރާބު ޖަހަން އެބަޖެހޭ ނޫންތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު


8

ޒަރީރު

09-Jun-2020

އަސްލު ގިނައީ ކަނޑުކޮސް ވަޒީރުން ދެންތިބީ ގުޅިގެން ރައީސް އިބޫ ފެއިލް ކޮށްލަން އުޅޭ ވަޒީރުން އެންމެން ބޭރު ކޮށްލަންވެއްޖެ



ޓްރެންޑިން