ޔޯގާ ދުވަހު އޮތް މުޒާހަރާއަށް ތައްޔާރު ނުވެވި، އެ ދުވަހު ހިނގި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް ޔޯގާ ބޮޑު ޖަމާއަތް ހުއްޓުވުމަށް ބަޔަކު ބޯޅަދަނޑު ކައިރިއަށް އެއްވެ، އެތަނަށް ވަދެ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ. އަދި އެކަމުގައި ފުލުހުން އަމަލުކުރި ގޮތަށްވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ދަނޑުގަައި ހިނގި ހަމަނުޖެހުންތަކަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުން ދިމާވި ކަންކަންކަމަށް ގަބޫލު ކުރާކަމަށެވެ. އަދި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މީގެކުރިން ފުލުހުން މަސައްކަތް ކޮށްފައިވާއިރު، ޔޯގާ ދުވަހުގެ ހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށެވެ.

ޝުޖާއު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ތެރޭގައި ބަލަމުންދާކަމަށާއި، ސަރުކާރުން އުފައްދާފައިވާ ކޮމިޓީއަށްވެސް ފުލުހުން ޖަވާބުދާރީވެފައިވާކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ބޯޅަދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިކަމުގައި ފުލުހުންގެ އެތެރޭގެ ތަހުގީގެެއް ހިންގަމުންދާކަމަށާއި، މިކަމުގައި މުއައްސަސާތަކުން ހިންގާ ތަހުގީގުތަަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްކުރާއިރު، ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް އިސްލާހީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ޔޯގާ ބޮޑު ހަރަކާތް ހުއްޓުވާނެކަމަށް ބުނެ އޭގެ ދުވަސްކޮޅެއް ކުރިން ފަށައިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވާނެކަމުގެ މައުލޫމާތުތަައް މުޅި ސޯޝަލް މީޑިއާގައި ދިޔައީ ފަތުރަމުންނެވެ.

އެންމެފަހުން އެ ދުވަހު ހެނދުނު އިރުއަރައިގެން އައިއިރު އެސަރަހައްދަށް މީހުން ދިޔައީ ޖަމާވަމުންނެވެ. ޔޯގާގެ ހަރަކާތަށް ދިޔަ މީހުންނަށް ވުރެ ގިނައީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ދިޔަ މީހުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޅަދަނޑަށް އެތައް ބަޔަކު، އެންމެ ގޭޓެއް ބޭނުންކޮށްގެން ވަންނަމުން ދިޔައިރު އެމީހުން ހުއްޓުވަން އެސަރަހައްދުގައި ތިބި ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ފުލުހުން ހަރަކާތްތެރިވާން ފެށީ އެތަނަށް ވަދެ ހަމަނުޖެހުންތައް ފެށި ފަހުންނެވެ.

ބައެއް މީހުން ތުހުމަތުކުރަމުންދަނީ ބޯޅަދަނޑަށް ވަދެ ހަމަނުޖެހުންތައް ހިނގަން ފުރުސަތު ދިނީ ފުލުހުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


0

އާދަމް

01-Jul-2022

ތިމާމެންގެ އަހުމާލުން ހިގި ކަމެއްގައި ބަންދުކުރި އެއްމެން ދޫކޮށްލާ!