ރަހީނުކޮށް މަރާލާފައިވާ ކަމަށް މަރުކޮމިޝަންގެ ރިޕޯޓްގައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲގެ މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުލްރަހީމް (އިސޫ) އާއި، އަހުމަދު އިސްމާއިލް (އަހަނދު) ކަމަށެވެ. އެމީހުންނާއި ދެކޮޅަށް ގިނަ ހެކި ތަކެއް ހުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ތިން މީހުން ހައްޔަރު ކޮށްފައިވަނީ ރިޟުވާން ވަގަށްނެގުމާއި، ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި، އެކަމަށް މަގުފަހި ކުރުވުމަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކުރި އިސޫއަކީ ރިޟުވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލީ އެކަކު ކަމަށެެވެ. ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. އެހެން ނަމަވެސް އެކަން އޭނާގެ މައްޗަށް ސާބިތެއް ނުވިއެވެ. ޢެމައްސަލައިގައި ހައްޔަރުކުރި އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ ރިޟުވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށް ކަަަމަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭ ކަމަށް މަރުކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވެެެއެެވެ. ރިޟުވާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށް 2014 ވަނަ އަަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރިޟުވާން ގެއްލުވާލި މައްސަލައާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ، ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު