އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒް
މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރި މީހާ ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ފަހުން ރާއްޖޭގައި ހިނގައިގެން އުޅޭ ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި، އެއްޖިންސުން ގުޅުންހިންގާ މައްސަލައާއި އަދި ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި މައްސަލައާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ރަސޫލާއަށް ފުރައްސާރަކުރި މީހާއާއި ގުޅޭގޮތުން ސުވާލު ކުރުމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒް ވިދާޅުވީ، އޭނާ ފުރައިގެން ދިޔައީ މައްސަލައާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނިކޮށް ކަމަށެވެ.

އަދި ފުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ކަމަށާއި ނަމަވެސް، އެކަން ފުރިހަމަ ނުވަނީސް އޭނާ ފުރައިގެން ގޮސްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުންފަދަ ކަންކަމަކީ ބަޔަކަށް އާދައިގެ ކަމެއް ކަމަށް ހީވިނަމަވެސް އެކަމަކީ ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ އޭނާ ފުރައިގެން ދިޔައީ މައްސަލަ ބަލަމުން ދަނިކޮށް ކަމަށާ އޭނާ ފުރައިގެން ދިޔަނަމަވެސް މައްސަލައިގެ ތަހުގީގު ހިނގާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާ ހިސާބުން ނުނިމޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ. އެމީހާ ފުރަން އުޅޭކަން ރިޕޯޓް ކޮށްފައިވަނީ ނޫސްވެރިންތަކެއް ކަމަށާ އެކަމަށްޓަކައި އެ ނޫސްވެރިންނަށް ރިޔާޒް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެ މީހާއަކީ ޓްވިޓާ އެކައުންޓެއް ހަދައިގެން މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޓްވީޓްތަކެއް ކުރަމުން ގެންދިޔަ ދިވެއްސެކެވެ. އެކަން ކުރަމުން ދިޔަ މީހަކީ ކާކުކަން އާންމުންގެ ބަޔަކު ވަނީ ފަޅާ އަރުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު