ސްރީލަންކާގައި ޕެޓްރޯލާއި ޑީސަލް ފަދަ ތެލުގެ ބާވަތްތައް ވިއްކުން ހުއްޓާލައި ޒަރޫރީ ބޭނުން ތަކަށް ނޫން ގޮތަކަށް ތެޔޮ ދޫނުކުރަން ނިންމައިފިއެވެ.

ސްރީލަންކާގެ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި މިއަދުން ފެށިގެން ދެހަފްތާގެ މުއްދަތަށް ފިއުލް ސަޕްލައި ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ ތެލުގެ ދަތިކަން އިތުރުވެ ތެލަށްޖެހުމާއި ގުޅިގެންނެވެ. އެގޮތުން ތެޔޮ ލިބޭނީ ސިއްހީ ހިދުމަތާއި، އަދި ރޭލާއި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކަނިކަމަށް ލަންކާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

އިގްތިސާދީގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގައި ބޭހާއި، ކާބޯތަކެއްޗަށާއި ތެލައް ޖެހިފައިވާ މިދަނޑިވަޅުގައި، ފިއުލް ސަޕްލައި ކޮށްދެވެން ހުރީ ގިނަވެގެން ދިހަ ވަރަކަށް ދުވަހުގެ މުއްދަތަށްކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. އަދި ތެލުގެ ޑިމާންޑު ދައްނުކުރެވިއްޖެނަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތެޔޮ ހުސްވުން އެކަށީގެންވާކަމަށްވެއެވެ.

މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު، ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ދަށްވެ ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ކާބޯތަކެއްޗާއި ތެލުގެ އަގުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ގިނަބައެއްގެ ވަޒީފާގެއްލި، މާލީހާލަތުދައްވެ ކާބޯތަކެއްޗަށް ޖެހި ސަލާން ޖަހާ މީހުންވެސް ވަނީ އިތުރުވެފައެވެ. އދގެ ތަފާސްހިސާބުން ދައްކާގޮތުގައި ލަންކާގެ 3 ބައިކުޅަ 2 ބައެއްހާ ގޭބީސީތަކުން ވަނީ ކާބޯތަކެތި ބޭނުންކުރާ މިންވަރު މަދުކޮށްފައެވެ.

މާލީހާލަތުދަށްވެފައިވާ ސްރީލަންކާގެ ސަރުކާރުން އެހީ ހޯދުމަށް މަސައްކަތްކުރަމުން ދާއިރު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ އެހީ ލިބިއްޖެނަމަ ވީހާވެސް އަވަހަކަށް އިގުތިސާދީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ސްރީލަންކާގެ ސަރުކާރުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން