ވެރިން ނުރުހުނަސް ހިންދޫންގެ އަޅުކަމެއް ހުއްދަވާނެގޮތެއް ނެތްކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކާއިއެކު، ޔޯގާ ހެދުމުގެ ހުކުމާއިމެދު ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް، ޒައިދު މިއަދު ވިދާޅުވީ، ވެރިން ރުއްސަން، ދުނިޔޭގެ ފިގުހު އެކަޑަމީތަކާއި އިސްލާމީ އެތައް މުއައްސަސާއަކާއި އިލްމުވެރިންގެ ބަހުގައި ކޮޅުފައިން ޖެހެން ނެތްކަމަށެވެ.

އަދި ޔޯގާއަކީ އިސްލާމް ދީނުގައި މަނާކަމެއް ކަމަށާއި، ވެރިން ރުހުނަސް ނުރުހުނަސް ހިންދޫންގެ އަޅުކަމެއް ހުއްދަވާނެ ގޮތެއް ނެތް ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އެފަދައިން ވިދާޅުވުމަށްފަހު ޝެއިޚް އިތުރަށް ވިދާޅުވީ، "ލާދީނީ" މީހުންގެ ރުހުން ދުވަހަކު ނުލިބުނަސް ވަރިހަމަ ކަމަށެވެ.

ޝެއިޚް މިފަދައިން ވިދާޅުވެފައިވާއިރު، ޔޯގާގެ ހުކުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންގެ އިދާރާއަށް ފޮނުވިކަމަށްބުނެ ދައުރުކުރި ސިޓީއެއްގައި ބުނެފައިވަނީ، ޔޯގާއަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ ސިޓީއަކީ އެފަދަ ކަންކަމާމެދު ގޮތް ނިންމަން އޮންނަ އިޖުރާއަތްތަކާ ހިލާފަށް ލިޔެފައިވާ ސިޓީއެއްކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެވަނީ ބުނެފައެވެ. އެއާއިއެކު ޔޯގާގެ ހުކުމާމެދު ގޮތެއް ނިންމުމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ގޮތެއް ނިންމައިދިނުމަށްއެދި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ޔޯގާއާއި ގުޅޭ ތަފުސީލު ރައުޔެއް ނެރޭނެކަމަށް އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން