ޔޯގާގެ މައްސަލާގައި ފަތުވާ މަޖިލީހުގެ ރައުޔު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގުހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކާ އުފައްދާފައިވާ މަޖިލީހެއް ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން އިސްނަގައިގެން މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ހަމަނުޖެހުންތައް ހިނގިއިރު، ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ނުނެރެ މިހާ ގިނަ ދުވަސްވެގެން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފަތުވާ މަޖިލީހުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކޮށްފައި ނުވަނީ ކީއްވެތޯ އާއި އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކަކީ ކޮބައިކަމާއި ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދިނުމަށް ވެސް ސިޓީގައި ވަނީ އެދިފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން