ދައުލަތުގެ ވެރިންނަކީ ޒިންމާ ތަކެއް ބޮލުގައި އެޅިފައި ތިބި ބައެއް ކަމަށާއި އެއްވެސް މީހަކު އެމީހަކު އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި ފަހަށް ޖެހިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

"ތައްޔާރު" ނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ހައްސާސް ކަންކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ﷲ ނަހީކުރެއްވި އެތައްކަމެއް ރާއްޖޭގައި މިހާރު ހިނގަމުންދަނީ އެއްވެސް ލިމިޓެއް ނެތިކަމަށެވެ. އަދި އެފަދަ ކަންކަމުގެ ތެރޭގައި ވަކިބަޔަކު ހިމެނުމުން، އެ މައްސަލަތައް ނުބެލުމަށް ނޫނީ ވަކި މީހަކު ހައްޔަރު ނުކުރުމަށް ގޮވާލަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ގާސިމް އެވިދާޅުވި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިކަމަށް އިޝާރާތް ކުރަށްވައި ގާސިމް މިރޭ ވިދާޅުވީ "ވަކިބޭފުޅަކު" އެގޮތަށް ވާހަކަދެއްކެވި ނަމަވެސް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި، މުއައްސަސާތަކުގެ ވެރިން ޒިންމާ އަދާކުރާނެކަމާއިމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރު މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި މާތްﷲ ޒިންމާއެއް އަޅުވާފައި އެބައޮތްކަން. އެބޭފުޅުން ޒިންމާ އަދާކުރައްވާނެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައުލަތުގެ ޒިންމާ އަދާކުރަން ހުރި އެއްވެސް ވެރިއަކު އަދި އެއްވެސް މީހަކު އެމީހެއްގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހިގެން ނުވާނެއޭ. ﷲ ގެ ކޯފާއެއް ދިވެހިރައްޔިތުންނަށް ކުރިމަތިވާކަށް އަޅުގަނޑުމެން ނޭދެން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވަކި މީހަކު މައްސަލައިގައި ހިމެނޭތީ ކަންތައްތަކެއް ފޮރުވާފައި ބާއްވައިގެން އެ މައްސަލަތައް ކުރިޔަށް ގެންދާނެކަމަށް އެމަނިކުފާނު ގަބޫލު ނުކުރަށްވާކަމަށެވެ. އެގޮތުން އެކަމުގައި ހިމެނެނީ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް އެފަދަ މައްސަލަތައް ރަނގަޅަށް ތަހުގީގު ކޮށްގެން ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ސަލާމަތީ ބާރުތަކުގެ މައްޗަށް އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖޭޕީއާއި ގިނަ ބަޔަކު އަލަށް ގުޅުނު މި ޖަލްސާގައި ގާސިމްވަނީ، ރާއްޖޭގެ ކަންކަން ހަމަހަމަގަށް އެޅުވުމުގެ މުހިންމު ކަމާމެދު ތަފުސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން