ދުނިޔޭގެ އިސްލާމީ ގައުމުތަކުން، ކޮމަންވެލްތުގައި ތިބުމާމެދު ދެވަނަ ވިސްނުމަކަށް ދަންޖެހޭކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ އެކަމަށް ކޮމަންވެލްތުން ފަންޑު ދޭކަމަށްބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން ޝަހީމް މިއަދު ވިދާޅުވީ، ކޮމަންވެލްތު މިހާރުދަނީ އުފެދުނު މަގުސަދާ ހިލާފުވަމުން ކަމަށެވެ. އެހެންކަމުން، ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ގައުމުތައް އޮންނަން ނުޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.

އިނގިރޭސި ފިކުރީ އިސްތިއުމާރުގެ ދަށަށް އިސްލާމީ ގައުމުތައް ގެނައުމަށް ކޮމަންވެލްތުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރައްވަމުން ޝަހީމް އިތުރަށް ވިދާޅުވީ، ކޮމަންވެލްތުގައި ދެމިތިބުމާމެދު އިތުރު ވިސްނުމަކަށް ގޮސް އިނގިރޭސި ފިކުރީ އިސްތިއުމާރު ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.

އެންމެ ފުރަތަމަ ކޮމަންވެލްތާ ރާއްޖެ ގުޅުނީ 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. ރައީސް މައުމޫންގެ ވެރިކަން ނިމި ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމުކުރި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެޖަމިއްޔާއިން ވަރަށް ބޮޑަށް ވަދެ ގޮތްކިޔަމުން ގެންދިޔައެވެ. އެގޮތުން ކޮމަންވެލްތުގެ ސީމެގްގެ ބައްދަލުވުންތަކަށް ދިވެހި ހާރިޖީ ވަޒީރުން ހާޒިރުކޮށް، ޖަވާބުދާރީވުމަށް އަންގަން ވެސް ފެށިއެވެ.

އިސްލާހުކުރަންވީ ކަންކަން ކަނޑައަޅައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާއި ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ރާއްޖެއަށް އޮހެން ފެށިއެވެ. އެކަން އެގޮތަށް ވީ ވެސް އެކަމުގެ އަޑީގައި ދިވެހިންގެ ބަޔަކު ތިބެގެން ކުރާ މަސައްކަތުން ކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ.

ކޮމަންވެލްތަށް ރާއްޖެ ވެއްދި، ރައީސް މައުމޫނަށް ވެސް ކޮމަންވެލްތްގެ ފިއްތުންތައް އިހުސާސްކުރެވި އެ ޖަމިއްޔާއިން ވަކިވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވިއެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިސް އަލުން ކޮމަންވެލްތާ ވަނީ ރާއްޖެ ގުޅިފަވެ.



ކިޔުންތެރިންގެ ހިޔާލު