އޮލިމްޕަސް މަރާމާތުގެ މަސައްކަތްތައް ނުނިމި ލަސްވާތީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު، ޙުސައިން ފިރުޝާން ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ އިދާރާއަށް ފިރުޝާން މިއަދު ފޮނުއްވި ސިޓީއެއްގައި އެދިފައިވަނީ، އޮލިމްޕަހުގެ މަސައްކަތް ނިމޭނެ ތާރީހާއި އަދި މިހާރު އެ ސިނަމާގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ލިޔުމުން ހޯދަން ބޭނުންވާ ކަމަށެވެ.

އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބަލަހައްޓަމުންދާ އޮލިމްޕަސް ބަންދުކުރީ ކޮވިޑް19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެތަނުގެ މަރާމާތުގެ މަސައްކަތްތައް އިންޑިއާ ސަރުކާރުގެ އެހީއާއިއެކު ފަށާފައިވެއެވެ. ނަމަވެސް، އެ މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަންނާނުންތަކެއް މީގެ ކުރިންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންސީއޭއިން އެންމެފަހުން ހާމަ ކުރިގޮތުގައި، އޮލިމްޕަހުގެ މަސައްކަތް ނުނިމި ލަސްވަނީ އެތަން މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސަމާނު ޗައިނާއިން ނުގެނެވި، ލަސްވުމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަށް އިންޑިއާއާއެކު ސަރުކާރުންވީ އެއްބަސްވުމުގައިވާ ގޮތުން، އޮލިމްޕަހުގައި ފިލްމު ދެއްކުމަށް އާ ޕްރޮޖެކްޓަރެއް ބެހެއްޓުމާއި ސާވާއެއް އިންސްޓޯލްކުރުމާއި އަދި އޮލިމްޕަސް ހޯލުގައި އެންމެފަހުގެ ޑޮލްބީ އެޓަމްސް ސަރައުންޑް ސައުންޑް ސިސްޓަމެއް އިންސްޓޯލްކުރުން ކަހަލަ ކަންކަން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު