ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން ހިމެނެންޖެހޭ މެންބަރުންގެ އަދަދު ކަމަށްވާ 3000 މެންބަރުން ހަމަނުވާތީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، މެންބަރުން ހަމަ ކުރުމަށް ޕާޓީތަކަށް ދިން ތިން މަސް ދުވަހުގެ މުއްދަތު، މި މަހުގެ 14 ވަނަ ދުވަހަށް ހަމަވިއިރު، ލޭބާ ޕާޓީއިން އެ އަދަދު ހަމަކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެ ޕާޓީ އުވާލަން ނިންމާފައިވާކަމަށެވެ. އެއާއިއެކު އެ ޕާޓީން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށާއި ޕާޓީތައް އުވާލުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިހާރު އަންގާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ލޭބަރ ޕާޓީގެ އިތުރުން އިތުރު 3 ޕާޓީއަކުންވެސް 3000 މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ފޮނުވިއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެއެވެ. މި ޕާޓީތަކުންވަނީ އީސީން ދިން މުއްދަތުގައި 3000 މެންބަރުން ހަމަކޮށް ޕާޓީ ސަލާމަތް ކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު