ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށްއޮތް ތިން ދުވަހު ވިއްސާރަކޮށް، ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤަޢުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިރެއިން ފެށިގެން ހަފުތާ ބަންދާއެކު ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ދުވަސްވަރަކީ ސްކޫލު ބޮޑުޗުއްޓީގެ ދުވަސްވަރަށްވެފައި ގިނަބަޔަކު ކަނޑުމަގުން ދަތުރުކުރާނެކަމަށް ލަފާކުރެވޭތީވެ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

"އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ ޢާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުރު ކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަޤީންކުރެއްވުމަށްފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެމެވެ." އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ދަތުރު ކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބަލައި ރައްކާތެރި މަގެއް ޚިޔާރުކޮށްގެން ދަތުރުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު