ސަރުކާރުން ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް "އިންޑިއާ އައުޓް" ހަރަކާތް މަނާކުރާ ކަމަށް ބުނެ އާންމުންގެ ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެެ. ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ހިޔާލުފާޅު ކުރުމުގެ ހައްގު ހަނި ނުކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ހައްދެއް ނެތް މިންވަރަށް އޮތްކަމެއް ނޫންކަން ޤާނޫނުއަސާސީން އެނގޭ ކަމަށެވެ. އެގޮތުން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ދެއްކުމާއި ދޭދޭ ގައުމުތަކާ ހާރިޖީ ގުޅުމަށް ބުރޫ އަރާކަންކަން ކުރުމަކީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހިޔާލުފާޅު ކުރުމަކީ ތަންމިނަށް އޮތް ކަމެއް ނޫން ކަމަށާއި އެެއީ ހުދޫދެއްގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ. އަދި އަވަށްޓެރި ގައުމަކާ އަދި އެހެންވެސް ގައުމުތަކާ ގުޅުވައި ނޭދެވޭ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންޑިއާއަކީ ޒަމާނުއްސުރެއް ރާއްޖެއާ ގާތް އަދި ގުޅުން ރަނގަޅު އެންމެ ބަރޯސާވާންޖެހޭ ގައުމު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު